މިދިޔަ އަހަރު މޭ މަހުގެ 6 ވަނަ ދުވަހުގެ ރޭ ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށްދިން ބޮމުގެ ހަމަލާއާ ގުޅިގެން ހައްޔަރުކުރި ހއ. މޮޅަދޫ، ބަހާރުގޭ، އަބްދުﷲ އަލީ މަނިކާއި، ހއ. ހޯރަފުށީ، އަލަނާސިގޭ، މުހައްމަދު ތަސްލީމުގެ މައްސަލަ ސާބިތުވުމާމެދު ގޮތެއް ނިންމުން ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހަށް ތާވަލްކޮށްފިއެވެ.

ތަސްލީމާއި އަލިމަނިކުގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ޓެރަރިސްޓު ޖަމާއަތަކަށް ތާއީދުކުރުމުގެ ކުށުގެ ދައުވާއެވެ.

އެ މައްސަލައިގާ މިއަދު ހެކިތައް ހާމަކޮށް ހެކި ވަޒަން ކުރުމުގެ މަރުހަލާއިގައި ދައުލަތުން ވަނީ ސިއްރު ހެކިންތަކެއް އެ މައްސަލަ ސާބިތުކުރުމަށް ހުށަހަޅާފައެވެ. އަދި ދިފާއުގައި އަބްދުﷲ އަލި މަނިކާއި ތަސްލީމުގެ ފަރާތުން ވަނީ ޖުމްލަ 12 ހެއްކެއް ހުށަހަޅާފައެވެ. މީގެ ކުރިން އޮތް އަޑުއެހުމެއްގައި ދިފާއުން ވަނީ ފޮރިންސިކް ރިޕޯޓަކާއި ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓެއް ހުށަހަޅާފައެވެ.

މިއަދުގެ އަޑުއެހުމުގައި ވާހަކަ ދައްކަމުން އަލިމަނިކު ވަނީ އޭނާ އާއި ތަސްލީމު ބަންދުގައި ބަހައްޓާފައި ހުންނަ މާފުށީ ޖަލުގެ ހާލަތާ ގުޅޭ ގޮތުން ޝަކުވާ ކޮށްފައެެވެ.

އެ ޝަކުވާތަކަށް ރިއާޔަތްކުރައްވަމުން މައްސަލަ ބައްލަވާ ގާޒީ އަލީ އާދަމް ވަނީ ދައުލަތުގެ މައްޗަށް އެއީ ހަގީގަތެއް ހުރި ޝަކުވާތަކެއްތޯ ކަށަވަރުކުރުމަށް އަންގަވާފައެވެ.

ގާޒީ އަލީ އާދަމް ވަނީ މި މައްސަލަ ކުރިއަށް ދާނެ ގޮތުގެ ތާވަލެއް މިއަދު ކަނޑައަޅުއްވާފައެވެ.

  • މޭ 26، 11:00 - ޖޫން 15، 9:00 - ޖުލައި 18، 10:00 - އޯގަސްޓު 2: 10:00 ހެއްކާއި ގުޅޭގޮތުން ވާހަކަ ދެއްކުން
  • އޯގަސްޓު 21، 10:00 - ހުލާސާ ބަޔާން އިއްވުން
  • ސެޕްޓެމްބަރު 20، 10:00 - މައްސަލަ ސާބިތުވުމާމެދު ގޮތެއް ނިންމުން