ފުލުހުންގެ އަހަރީ ދުވަހުގެ މުނާސަބަތުގައި މިރޭ 10 ޖަހާއިރަށް އަވަސްކޮށްފި ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ކުރިން ބުނީ ފުލުހުންގެ 89 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި މިރޭ 11 ޖަހާއިރު ހުޅުމާލެ ސެންޓްރަލް ޕާކްގައި ހަވާއަރުވަން ހަމަޖެހިފައިވާ ކަމަށެވެ. އެހެންނަމަވެސް 10 ޖަހާއިރަށް ވަނީ ބަދަލުކޮށްފައެވެ.
ފުލުހުންގެ އަހަރީ ދުވަހާ ގުޅިގެން، މާލެއާއި އަތޮޅުތަކުގައި ގާއިމުކޮށްފައިވާ ޕޮލިސް ސްޓޭޝަންތަކުގައި ދިދަ ނެގުމުގެ ރަސްމިއްޔާތެއް ވެސް ވަނީ ބާއްވާފައެވެ. އަދި ރޭ ޖުމްހޫރީ މައިދާނުގައި ވަނީ ރަސްމީ ޖަލްސާއެއް ވެސް ބާއްވާފައެވެ.
ރޭގެ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ ކުލައާއި މެޑަލް ލިބިލެއްވި ފުލުހުންނަށް ކުލައާއި މެޑަލް ވަނީ ހަވާލުކޮށްފައެވެ.
މި ޖަލްސާގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އިމްރާން ވަނީ ފުލުހުންގެ މުއައްސަސާއަކީ ގައުމީ މުއައްސަސާއެއް ކަމަށް ވިދާޅުވެފައެވެ. އަދި ފުލުހުންނަށް ގާއިމު ކޮށްދެވޭ ކޮންމެ ވަސީލަތަކާއި ލިއްބައިދޭ ކޮންމެ ހުނަރަކާއި ކޮންމެ ގާބިލު ކަމަކީ ގައުމަށް އިތުރު ކުރެވޭ ވަސީލަތަކާއި ލިއްބައިދޭ ގާބިލު ކަމަކާއި ހުނަރެއް ކަމަށް އިމްރާން ވިދާޅުވިއެވެ.
އިމްރާން އިތުރަށް ވިދާޅުވީ ދިވެހި ރާއްޖޭގެ ދާހިލީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް ރައްޔިތުންގެ މުދަލާއި ފުރާނަ ހިމާޔަތްކޮށް މުޖުތަމައުގެ ހަމަޖެހުމާއި ރައްކާތެރިކަމާއި ސުލްހަ މަސަލަސްކަން ދެމެހެއްޓުމަށްޓަކައި ރާއްޖޭގެ ދާހިލިއްޔާއާ މަތިކޮށްފައިވާ ޒިންމާތަކުގެ ތެރެއިން އެންމެ ބޮޑު ހިއްސާއަކާއި ޒިންމާއެއް އަދާކުރަން ޖެހެނީ ދިވެހި ފުލުހުންގެ ހިދުމަތް ކަމަށެވެ.
އަދި އަތޮޅު ތެރޭގައި ފުލުހުން ހިދުމަތް ދިނުމުގެ ފުރިހަމަ ނިޒާމެއް އެކަށައަޅާފައިވާކަމަށާއި ފުލުހުން ޖަވާބު ދާރީވުމަށް ޒިންމާކުރާނެ ރަނގަޅު ފަރާތްތަކެއް އެކުލަވާލެވިފައިވާ ކަމަށް ވިދާޅުވިއެވެ. އަދި ވެހޭހާ ވާރެއެއްގައި ދޭހާ އަތްވެއްގައި ގަދަ ކަނޑުގައި ފުލުހުން އުފުލާ ތަކުލީފުތަކަށްޓަކައި ފުލުހުންނާއި ފުލުހުންގެ އާއިލާތަކަށް ޝުކުރު އަދާކުރެއްވިއެވެ.