ކުރީގެ ހޯމް މިނިސްޓަރު އަހުމަދު ތަސްމީން އަލީ މަސްގަނެ އެކްސްޕޯޓް ކުރުމަށް ތަރައްގީކުރެއްވި ތ. ފުނައްޑޫގެ ކާރުހާނާ ސަރުކާރަށް ގަނެ މިފްކޯގެ ދަށަށް ބަދަލުކޮށްފައިވާ ކަމަށް ފިޝަރީސް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ.

ހުސައިން މިފަދައިން ވިދާޅުވީ ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް ކުރެއްވި ސުވާލަކަށް ލިޔުމުން ޖަވާބު ދެއްވަމުންނެވެ.

ހުސައިން ވިދާޅުވީ މިފްކޯއަށް ފުނައްޑޫ ހިންގިދާނެތޯ ބެލުމަށް ޓަކައި ސަރުކާރުން ފީސިބިލިޓީ ސްޓަޑީއެއް ހަދައި އިކޮނޮމިކް ކައުންސިލަށް ހުށައަޅަން އެންގި ކަމަށާއި ފުނައްޑޫގެ ކާރުހާނާ ސަރުކާރަށް ގަތުމަށް ނިންމަވާފައިވަނީ އެ ފީސިބިލިޓީ ސްޓަޑީއަށް ފަހުގައި ކަމަށެވެ.

މީގެ އިތުރުން މިމަހުގެ 6 ވަނަ ދުވަހު ފުނައްޑޫ އާއި އެރަށުގެ ހުރިހާ މުދަލެއް މިފްކޯގެ ދަށަށް ބަދަލުކޮށްފައިވާކަން މިނިސްޓަރު ވިދާޅުވިއެވެ.

ފުނައްޑޫގެ ކާރުހާނާގެ މަސައްކަތް ހުއްޓިފައިވާތީ އެތަނުން މަސްގަތުމުގެ މަސައްކަތް މިފްކޯ މެދުވެރިކޮށް އަލުން ފެށޭނެ ގޮތަށް ހަދައިދިނުމަށް ތިމަރަފުށީގެ މަސްވެރިންނާއި ވިޔަފާރިވެރިން ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ވަނީ ދަންނަވާފައެވެ.

ކުރީގެ މިނިސްޓަރު ތަސްމީން ވަނީ ފުނައްޑޫ ރަހުނުކޮށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ލޯނު ނަންގަވާފައެވެ. އަދި ލޯނު ނުދެއްކުމުން އެ ރަށް ވިއްކާލަން ބޭންކުން އިއުލާނުވެސް ކުރިއެވެ.