ކުށްކުރާ ކުދިންނާއި ކުށުގެ ތުހުމަތު އޮންނަ ކުދިންގެ މައްސަލަތައް ތަހްގީގުކޮށް އަމަލުކުރާނެ ގަވައިދެއް އެކުލަވާލައި އަމަލުކުރާނެ ގިންތިތަކެއް އެކުލަވާލައިފި

މިއީ ގާނޫނާ ހިލާފުވެފައިވާ ކަމަށް ތުހުމަތުކުރެވޭ ކުޑަކުދިންގެ މައްސަލަތަކުގެ ތަހްގީގުތައް ކުރިއަށް ގެންދިއުމުގައި އަމަލުކުރަންޖެހޭ އުސޫލުތަކާ ހިލާފުވާ ކުޑަކުދިންގެ މައްސަލަތައް ތަހްގީގުކުރުމުގައި ކުށަށް ހުށަހެޅި، ނުރައްކާތެރި ހާލަތުގައިވާ ކުދިންނާ މެދު ފުލުހުން އަމަލުކުރާނެ ގޮތުގެ ގަވައިދެވެ.

ފުލުހުން ވަނީ މި ގަވައިދުގައި ކުޑަކުދިންގެ މައްސަލަތައް ތަހްގީގުކުރުމަށް ހަތަރު ގިންތިއަކަށް ބަހާލައިފައެވެ. އެއީ:

  • ކުށުގެ ވެއްޓެއް އޮވެ، އެ ވެށީގެ ސަބަބުން ކުއްޖާގެ ހަށިގަނޑަށް ބޮޑު އަނިޔާއެއް ނުވަތަ ގެއްލުމެއް ލިބިދާނެ ބާވަތުގެ މައްސަލަތައް، މިފަދަ މައްސަލަތަކުގައި ޖުވެނައިލް ޖަސްޓިސްގެ އޮފިސަރެއް ހާޒިރުވެ ހުންނަން ޖެހޭނެ
  • ކުށުގެ ވެއްޓެއް އޮވެ، އެ ކުށުގެ ވެއްޓަށް ފުލުހުން ހާޒިރުވާން ޖެހޭ މައްސަލަތައް. މިފަދަ މައްސަލަތަކުގައި ކުށަށް ހުށަހެޅުނު ކުއްޖާގެ އުމުރާއި މައްސަލައިގެ ބާވަތަށް ރިއާޔަތް ކުރާއިރު، ޖުވެނައިލް ޖަސްޓިސް އޮފިސަރަކު ކުށުގެ ވެއްޓަށް ދިއުމަށް އައްޔަނު ކުރެވިދާނެ
  • ކުށުގެ ވެއްޓެއް ނެތް ނަމަވެސް، ކުޑަކުދިން ކުރާ ކުށްތަކުގެ ތެރެއިން ޖިނާއީ ކުށަކަށް ވުމުގެ ފުރުސަތު އޮތް މައްސަލަތަކުގެ ތެރެއިން ފުލުހުން އެތަނަށް ހާޒިރުވެގެން ކުރިއަށް ގެންދަން ޖެހޭ މައްސަލަތައް
  • ކުށުގެ ވެއްޓެއް ނެތް އަދި މައްސަލަ ހުށަހެޅުމުގެ ކުރިން ހިނގާފައިވާ މައްސަލަތަކާއި ވަގުތުން ކުރަން ޖެހޭ ކަމެއް ނެތް މައްސަލަތައް

އޭގެ އިތުރުން، ފުލުހުންގެ ތަހްގީގަށް ހައްޔަރުކޮށް ބަންދުކުރާ ކުދިންވެސް ތިން ގިންތިއަކަށް ބަހާލާފައިވެއެވެ. އެއީ:

  • ސެކިއުރިޓީގެ ގޮތުން އަދި ނުރައްކާތެރި ކުށްކުރުމުގެ ސަބަބުން ހާއްސަ ސަމާލުކަމެއް ދޭންޖެހޭ ކުދިން
  • ބަލީގެ ގޮތުން ވަކިން ގެންގުޅެން ޖެހޭ ކުދިންނާއި ސިއްހީ ގޮތުން ސަމާލުކަމެއް ދޭންޖްހޭ ކުދިން
  • ކުށެއްގެ ތުހުމަތުގައި ފުރަތަމަ ފަހަރަށް ހައްޔަރުކުރާ ކުދިން. އެ ކުދިން ބައިތިއްބަން ޖެހޭނީ ތަކުރާރުކޮށް ކުށްކުރާ ކުދިންނާ ވަކިން

އެ ގަވައިދުގައިވާ ގޮތުން، ކުށުގެ ވެށީގައި ހިމެނޭ ކުދިން ހައްޔަރުކުރުމާ މެދު ގޮތެއް ނިންމަން ޖެހޭނީ އެ ކުށުގެ ވެށި ހިމެނޭ މައްސަލަ ތަހުގީގުކުރާ ޑިޕާޓްމެންޓްގެ އެންމެ އިސް އޮފިސަރެވެ. ނަމަވެސް ގާނޫނާ ހިލާފު އަމަލެއް ކުރިކަމަށް ގަބޫލުކުރެވޭ އެކަށީގެންވާ ސަބަބެއް ނެތްނަމަ އެ ކުއްޖާ ދޫކޮށްލަން ޖެހޭނެއެވެ.

ހަމަ އެއާއެކު، ފުލުހުންގެ އަމުރަށް ކިޔަމަންނުވެއްޖެ ނަމަ، ބާރުގެ ބޭނުން ކުރެވޭނެ ކަމަށާއި، ތަހްގީގަށް ސުވާލުކުރަން ވާނީ އެކުއްޖާގެ ބެލެނިވެރިޔެއް ނުވަތަ މަސްލަހަތު ހިމެނޭ މީހެއްގެ ހާޒިރުގަައި ކަމަށްވެސް އެ ގަވައިދުގައިވެއެވެ. އަދި އެންމެ ރަނގަޅު ގޮތަކީ އެކުއްޖާއަށް ފިޔަވަޅު ނޭޅުން ކަމަށްވާނަމަ، އެ ފުރުސަތު އެކުއްޖާއަށް ދޭންވާނެ ކަމުގައިވެސް އެ ގަވައިދުގައިވެއެވެ.