ފުލުހުންގެ ފަރާތުން އާންމު ރައްޔިތުން ހޯދަންޖެހޭ ހިދުމަތްތައް މޯބައިލް ފޯނަށް އަޅާ އެޕްލިކޭޝަނުން ލިބޭނެ ގޮތް މިރޭ ހަދައިފިއެވެ.
ފުލުހުންގެ މި މޯބައިލް އެޕްލިކޭޝަން ތައާރަފްކޮށްދެއްވީ ފުލުހުންގެ ހިދުމަތަށް 89 އަހަރު ފުރުން ފާހަގަކުރުމަށް މިހާރު ކުރިއަށްދާ ޖަލްސާއެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ.
އޮންލައިންކޮށް އާންމުންނަށް ފޯރުކޮށްދޭ ހިދުމަތްތައް މޮބައިލް އެޕްލިކޭޝަނެއް މެދުވެރިކޮށް ފޯރުކޮށްދިނުމަށްޓަކައި އައިއޯއެސް އަދި އެންޑްރޮއިޑް ފޯނުތަކަށް ފަރުމާކޮށްފައިވާ އެޕްލިކޭޝަނެކެވެ.
އެ އެޕްލިކޭޝަނުގައި ރަޖިސްޓްރީވުމަށްފަހު އެމީހެއްގެ ޑްރައިވިން ލައިސަންސްގެ މައުލޫމާތާއި އެމީހެއްގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ ވެހިކަލްތަކުގެ އަހަރީ ފީ ސްޓޭޓަސް އެނގޭނެހެން ތަފްސީލީ މައުލޫމާތާއި އެމީހެއްގެ ޓްރެފިކް މައްސަލަތަކާއި ޕާކިން މައްސަލަތައް ބަލައިލެވޭނެއެވެ. އަދި އެ އެޕްލިކޭޝަން މެދުވެރިކޮށް ފުލުހުންނަށް މައްސަލަ ހުށަހެޅުމުގެ އިތުރުން ހުށަހަޅާ މައްސަލަތަކުގެ އަދާހަމަ ބެލުމާއި ފުލުހުން ފޯރުކޮށްދޭ ހިދުމަތްތަކާއި ވަކިވަކި ފުލުހުންނާ ގުޅޭ ޝަކުވާ ނުވަތަ ތައުރީފް ހުށަހެޅޭނެއެވެ.
މީގެ އިތުރުން އެ އެޕްލިކޭޝަން މެދުވެރިކޮށް ކުށުގެ ރިޕޯޓަށާއި ޕޮލިސް ކްލިއަރެންސް ސެޓްފިކެޓަށް އެޕްލައިކުރުމުގެ އިތުރުން ކްލިއަރެންސް ސެޓްފިކެޓް އެޕްލިކޭޝަން މެދުވެރިކޮށް ލިބޭނެއެވެ. އަދި ސެޓްފިކެޓްގެ ސައްހަކަން ކަށަވަރު ކުރެވޭނެއެވެ.
އެ އެޕްލިކޭޝަން ފަރުމާކޮށްފައިވަނީ އެޕްލިކޭޝަން މެދުވެރިކޮށް ފުލުހުންނާ ކުރާ މުއާމަތުގެ ރެކޯޑް ބެލެހެއްޓޭ ގޮތަށާއި ފުލުހުންނަށް ގުޅަން ޖެހިއްޖެ ހާލަތެއްގައި ނެއިބަހުޑް ޕޮލިސް އޮފިސަރުންގެ މައުލޫމާތާއި ޕޮލިސް ސްޓޭޝަން ތަކުގެ މައުލޫމާތު ކޮންމެ ތަނެއްގައި ހުރެގެންވެސް ފަސޭހަ ކަމާއެކު ބަލައިލެވޭ ގޮތަށް ކަމަށް ފުލުހުން ބުނެއެވެ.