އުމުރުން ހަ އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި އިތުރު މީހެއްގެ ބައިވެރިވުން އޮތްތޯ ބަލަމުން އަންނަ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި އުމުރުން 59 އަހަރުގެ އަންހެނަކު ހައްޔަރުކުރިޔަސް އެކަން ކުރީ ކުއްޖާގެ ކާފަ ކަމަށް ތުހުމަތުކޮށް ގިނަ ބަޔަކު އަންނަނީ އެމީހާއާ މެދުގައި ފިޔަވަޅު އަޅަން ގޮވާލާ މުޒާހަރާ ކުރަމުންނެވެ.
ފުލުހުން ބުނީ ކުއްޖާއަށް އެއްވެސް އަނިޔާއެއް ލިބިފައިވޭތޯ ބެލުމަށް ޑޮކްޓަރަށް ދައްކައި މެޑިކަލް އެސެސްމަންޓެއް ހަދައިފާވާ ކަމަށާއި ކުއްޖާގެ ނަފްސާނީ ހާލަތާ ގުޅޭ އެސެސްމަންޓްތައް ހެދުމަށާއި ކުއްޖާއަށް ބޭނުން ރައްކާތެރިކަން ފޯރުކޮށްދިނުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ކަމާ ގުޅުން ހުރި އިދާރާތަކާ ގުޅިގެން ކުރަމުންގެންދާ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން އެކި ފަރާތްތަކުން ހިއްސާކުރަމުންދާ މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށް އިތުރަށް ބަލަންޖެހޭ ކަންކަން ބަލައި އެ މައުލޫމާތުތަކުގެ ސައްހަކަން ކަށަވަކުރުމާއި މައްސަލައާ ގުޅިގެން ހޯދަންޖެހޭ ހެއްކާއި ގަރީނާ ހޯދައި އިތުރު ފަރާތެއް މި މައްސަލާގައި ޝާމިލުވޭތޯ ބެލުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންގެންދާ ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ދިވެހި ފުލުހުންގެ ހިދުމަތުގެ ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަންގެ ކްރައިމްސް އަގެއިންސްޓް ޗިލްޑްރަން ޑިޕާޓްމަންޓުގެ ހާއްސަ ތަހުގީގު ޓީމަކުން ގެންދަނީ ތަހުގީގު ކުރަމުން ކަމަށާއި އެ މައްސަލައާ ގުޅިގެން ތަހުގީގުގައި ފުރިހަމަ ކުރަންޖެހޭ އިޖުރާއަތްތައް ފުރިހަމަކޮށް އަޅަން ޖެހޭ ފިޔަވަޅުތައް ލަސްކުރުމެއްނެތި އަޅަމުންދާނެ ކަމަށެވެ.