އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީއަށް ކުރެއްވި ދަތުރުފުޅުގައި ކުރެއްވި މަޝްވަރާތަކާއި ހިޔާލުތަކާ އެއްގޮތަށް ދެ ސިޓީވެސް ތަރައްގީ ކުރައްވާނެކަމުގެ ޔަގީންކަން ރައީސް ސޯލިހު ދެއްވައިފިއެވެ.

ދަތުރުފުޅު ނިންމާލެއްވުމަށް ފަހު ކުރެއްވި ޓްވީޓެއްގައި ރައީސް ވަނީ ފުވައްމުލައް ސިޓީއާއި އައްޑޫ ސިޓީއަށް ކުރެއްވި ދަތުރުފުޅުގައި ރައްޔިތުން ކިއި މެހެމާން ދާރީއަށް ޝުކުރު އަދާކުރައްވާފައެވެ.

މީގެ އިތުރުން ރައީސް ވަނީ މި ދެ ސިޓީގެ ތަރައްގީއާއި ކުރިއެރުމާ ގުޅޭގޮތުން ރައްޔިތުން ދިން ހިޔާލާއި މަޝްވަރާގެ އަލީގައި ކުރިއަށް ވަޑައިގަންނަވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

ރައީސްގެ ދެކަނބަލުން ވަނީ ފުވައްމުލައް ސިޓީއާއި އައްޑޫ ސިޓީގެ ރައްޔިތުންނަށް، އެ ދެކަނބަލުންގެ ފަރާތުން މާހެފުން ދެއްވާފައެވެ. މި ދެ ސިޓީގައި ބޭއްވި މާހެފުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ދެ ސިޓީގެ ތަރައްގީއަށް ކުރިޔަށް ރޭވިފައި ހުރި ކަންކަމާއި މިހާރު ކުރިޔަށްދާ މުހިންމު މަޝްރޫއުތަކުގެ މައުލޫމާތު ރައްޔިތުންނާ ހިއްސާކުރައްވާފައެވެ.

އަދި މި ދެސިޓީގެ ސިޓީ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާ ބައްދަލުކުރައްވާ މި ދެސިޓީގެ ތަރައްޤީގެ މަޝްރޫއުތަކާ ގުޅޭގޮތުންނާއި ކައުންސިލާއި ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާ ގުޅޭގޮތުން ވެސް ރައީސް ވަނީ މަޝްވަރާ ކުރައްވާފައެވެ.

ރައީސްގެ މިދަތުރުފުޅުގައި ވަނީ އިންޑިޔާގެ ހިލޭ އެހީގެ ދަށުން އައްޑޫގައި ތަރައްޤީކޮށްފައިވާ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓް ރަސްމީގޮތުން ހުޅުއްވައިދެއްވާފައެވެ. މި ޕޮލިސް އެކަޑަމީއަކީ ޒަމާނީ ވަސީލަތްތަކާ އެކު ތަރައްޤީކޮށްފައިވާ ފެސިލިޓީއެކެވެ. އަދި މިފެސިލިޓީގައި ކުރިއަށްގެންދިއުމަށް ރޭވިފައިވާ ތަމްރީންތަކަކީ ޑިމޮކްރެޓިކް އުސޫލުތަކާއި ޒަމާނީ ބެސްޓް ޕްރެކްޓިސަސް ހިމަނައިގެން ކުރިއަށް ގެންދިއުމަށް ރާވާފައިވާ ތަމްރީނުތަކެވެ.

މި ދަތުރުފުޅުގައި ރައީސް ވަނީ އައްޑޫސިޓީ މަރަދޫ ބަނދަރާއި މަރަދޫފޭދޫ ބަނދަރުގެ އިތުރުން މީދޫ ބަނދަރު ރަސްމީގޮތުން ހުޅުއްވައިދެއްވާފައެވެ.

މީގެ އިތުރުން އެމަނިކުފާނު ވަނީ އައްޑޫ ސިޓީގެ މަގު ހެދުމާއި ފެންހިންދާ ނިޒާމު ގާއިމުކުރުމުގެ ބޮޑު މަޝްރޫއުގެ އަމަލީ މަސައްކަތް ފަށްޓަވައިދެއްވާފައެވެ. އަދި އައްޑޫ ސިޓީއަށް 194.3 ހެކްޓަރުގެ ބިން އިތުރުކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވާފައެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ވަނީ މަރަދޫ ސްކޫލްގައި އަލަށް އިމާރާތްކުރި 12 ކްލާސްރޫމް އިމާރާތް ރަސްމީގޮތުން އިފްތިތާހް ކޮށްދެއްވާފައެވެ. އަދި މި ދެސިޓީގައި ކުރިޔަށްދާ ތަރައްގީގެ ބައެއް މަޝްރޫއުތައް ކުރިޔަށްދާގޮތް ބައްލެއްވުމުގެ އިތުރުން ސަރުކާރުގެ ބައެއް މުއައްސަސާތަކަށް ޒިޔާރަތް ކުރައްވާފައެވެ.