ލޯބިވެރިޔާގެ އެދުމަށް އިންކާރު ކުރި އަންހެން މީހާއަށް މަރުގެ އިންޒާރު ދިނުމުން، އެއް އަހަރާއި ފަސް މަހާއި ދެ ދުވަހަށް ފިރިހެނަކު ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.
މި ހާދިސާ ހިނގާފައި ވަނީ 2016 ވަނަ އަހަރުގެ އޭޕްރިލް މަހުގެ ތެރޭގައެވެ. ފިރިހެނަކު ލޯބީގެ ގޮތުން ގުޅިގެން އުޅުނު އަންހެން މީހާ މަގުމަތިން ފެނިއްޖެ ނަމަ މަރާލާނެ ކަމަށް ބުނެ މަރުގެ އިންޒާރު ދީފައި ވަނީ، އެ އަންހެން މީހާ ކުއްޔަށް އުޅޭ ގެއިން ނިކުމެގެން އޭނާއާ އެކު އެހެން ގެއަކަށް ދާން އެދުމުން އެކަމަށް އެ އަންހެން މީހާ އިންކާރު ކުރުމުންނެވެ.
މި މައްސަލައިގައި އަންހެން މީހާ ފުލުހުންނަށް ބަޔާން ދީފައި ވީ ނަމަވެސް އޭނާ ހެކިބަސް ދޭން ކޯޓަށް ހާޒިރުވެފައެއް ނުވެއެވެ. މި މައްސަލައިގައި ދެން ކޯޓުގައި ހެކިބަސް ދީފައި ވަނީ އެ ފިރިހެން މީހާ އިންޒާރު ދިން އިރު އެތަނުގައި ތިބި މީހުންނެވެ. އެހެންކަމުން ކޯޓުން މި މައްސަލަ އެމީހާގެ މައްޗަށް ސާބިތުވާ ކަމަށް ނިންމީ މަންޒަރު ދުށް މީހުންގެ ހެކި ބަހާއި އަންހެން މީހާގެ ތަހުގީގު ބަޔާނަށް ރިއާޔަތް ކޮށެވެ.
ހުކުމުގައި ވަނީ ދެ މީހުންގެ ދެމެދުގައި ލޯބީގެ ގުޅުމެއް އޮތުމަކީ އަންހެން މީހާގެ މައްޗަށް ފިރިހެން މީހާގެ ބާރު ހިންގޭނެ ކަމެއް ނޫން ކަމަށާއި އެގޮތަށް ކަމެއް ކުރުވުމުގެ ގޮތުން އިންޒާރު ދިނުމަކީ ކޮށްގެން ވާނެ ކަމެއް ނޫން ކަމަށެވެ. އެހެންކަމުން އެ ކުށަށް އޮތް އެންމެ ބޮޑު އަދަބު ކަމަށްވާ 18 މަސް ދުވަހުގެ ޖަލު ހުކުމެއް އޭނާގެ މައްޗަށް އިއްވިއެވެ.
18 މަސް ދުވަހުގެ ޖަލު ހުކުމެއް އޭނާއަށް އިއްވި އިރު އެމީހާ ވަނީ ބަންދުގައި 28 ދުވަސް ހޭދަ ކޮށްފައެވެ. އެހެންކަމުން ދެން އޭނާ ޖަލުގައި ހޭދަ ކުރަން ޖެހޭނީ 17 މަހާއި ދެ ދުވަހެވެ.