އައްޑޫ ސިޓީގައި ޓެރަރިޒަމް އަމަލެއް ހިންގަން އުޅޭ ކަމަށް ބެލެވޭތީ ހައްޔަރު ކުރި މީހުންގެ ތެރެއިން 6 މީހެއްގެ ބަންދުގެ މުއްދަތު މިއަދު ޖަހައިފިއެވެ.

ފުލުހުން ބުނީ، މި މައްސަލައިގައި މިއަދު ބަންދުގެ މުއްދަތު ޖަހާފައި ވަނީ 6 މީހުންނަށް ކަމަށާއި އެ މީހުންގެ ބަންދަށް މުއްދަތަށް ކޯޓުން ދިނީ 7 ދުވަސއ ކަމަށެވެ. މި މައްސަލައިގައި ޖުމްލަ 9 މީހަކު ހައްޔަރު ކޮށްފައި ވާއިރު އޭގެ ތެރެއިން ބާކީ ތިބި 3 މީހުންގެ ބަނދުގެ މުއްދަތަު އަދި ޖަހާފައި ނުވާ ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލައިގައި 9 މީހަކު ހައްޔަރު ކޮށްފައި ވީ ނަމަވެސް މި މައްސަލައާ ގުޅޭ ގޮތުން އިތުރު ތަފްސީލެއް ވެސް އަދި މި މައްސަލައިގައި ހައްޔަރު ކުރި މީހުންގެ ވަނަވަރު ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ޓެރަރިޒަމްގެ ތުހުމަތުގައި އައްޑޫން ބަޔަކު ހައްޔަރުކޮށްފައި ވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އިންޑިއާގެ ފޮރިން މިނިސްޓަރު ޑރ. ޖަޔަޝަންކަރުގެ އިތުރުން ދައުލަތުގެ ބައެއް މިނިސްޓަރުން ރަސްމީ ދަތުރުފުޅެއްގައި އައްޑޫގައި ތިއްބަވަނިކޮށެވެ. މިއަދު އެ ރަސްމި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ރައީސްގެ ދެކަނބަލުން ވަނީ މާލެއަށް ވަޑައިގެންފައެވެ.