އުމުރުން 6 އަހަރުގެ އަންހެން ކުއްޖަކާ މެދު ޖިންސީ އަމަލެއް ހިންގި އަންހެނަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނީ ދެކުނު ޕޮލިސް ރީޖަން (ގއ، ގދ، އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީ) ގައި ހިމެނޭ ރަށެއްގައި 6 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކޮށްފައިވާ ކަމުގެ މައްސަލައެއް މިމަހު 24 ވަނަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން 59 އަހަރުގެ އަންހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ. އަދި ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް މިމަހު 25 ވަނަ ދުވަހު ކޯޓުން އަމުރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން އިތުރު މީހަކު ހައްޔަރުކޮށްފައިވާ ނުވާ ކަމަށެވެ.

މި މައްސަލަ ފުލުހުންނާއި ޖެންޑާ މިނިސްޓްރީން ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ދަނީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުން ފަދަ މައްސަލަތަކަކީ ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ބަލައި ތަހުގީގު ކުރަމުންނެވެ. ކުޑަކުދިންނާ ގުޅޭ މިފަދަ މައްސަލަތަކުގައި ކުއްޖާގެ ވަނަވަރު ފުލުހުން ހާމައެއް ނުކުރެއެވެ.

ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތައް މިފަހުން ފެންމަތިވެފައި ވާއިރު، އާންމުން ވަނީ ސޯޝަލް މީޑިއާގައި ކަމާބެހޭ ފަރާތްތަކުން ފިޔަވަޅު އެޅުމަށް އެކިފަހަރު މަތިން ގޮވާލާފައެވެ.

އަދި ޖިންސީ ގޯނާގެ ޝިކާރައަށް ވީ ކުދިންނަށް އިންސާފު ހޯދައިދިނުމަށް ގޮވާލައި އިހުތިޖާޖުވެސް ކޮށްފައި ވެއެވެ.