މަގުބޫލުކަން ގެއްލެމުން އަންނަ ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ހާންގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުން، އޭޕްރިލް 4 ވަނަ ދުވަހު، އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ތަޅުމުގައި ކުރިއަށް ދާނެ ކަމަށް، ކަމާ ބެހޭ މައުލުމާތު އެނގޭ މަސްދަރުތަކަކާ ހަވަލާދީ، އިންޑިއާގެ ދުވަހު ނޫހެއް ކަމަށް ވާ ވިއޯންއިން ރިޕޯޓް ކޮށްފިއެވެ.

އިތުބާރު ނެތް ކަމުގެ ވޯޓަށް ވަގުތު ކުޑަތަން ވަމުން ދާއިރު އިމްރާންގެ ސަޕޯޓަރުންގެ އިތުރުން އޭނާއާ ދެކޮޅު ފަރާތްތަކުން ދަނީ އެ ބައެއްގެ ބާރު ދެއްކުމުގެ ގޮތުން އެކި ރެލީތައް ބާއްވަމުންނެވެ.

އިމްރާންގެ ތަހްރީކީ އިންސާފު ޕާޓީ (ޕީޓީއައި) އިން ރޭވި ރެލީއަކީ ޕާކިސްތާނު ދުށް އެންމެ ބޮޑު އެއް ރެލީއަށް ވާނެ ކަމަށް އެ ޕާޓީއިން ވަކާލާތު ކުރެއެވެ. އަދި އެ ރެލީއަކީ ޕީޓީއައިއަށް ޓަކާ އޮތް ރެލީއެއް ނޫން ކަމަށާ، އެއީ މުޅި ޕާކިސްތާނުގެ ދިފާއަށް ކުރާ "ހަނގުރާމައެއް" ކަމަށް ވަނީ ސިފަ ކޮށްފައެވެ.

ކަން މިހެން އޮތް އިރު ޕާކިސްތާނުގެ އިދިކޮޅު ފަރާތްތަކުން ދަނީ އިމްރާންގެ ސަރުކާރަރަކީ ކޮރަޕްޓްވެފައި ވާ ސަރުކާރެއް ކަމަށް ތުހުމަތު ކުރަމުންނެވެ. އަދި ގައުމުގެ އިގުތިސޯދީ ކަންކަން ގޯހުން ގޯހަށް ދާއިރު ސަރުކާރު ހިންގެވުމަށް އިމްރާންގެ ގާބިލިއްޔަތުކަމެއް ނެތް ކަމަށްވެސް އިދިކޮޅުން ދަނީ ތަސްވީރު ކޮށްދެމުންނެވެ.

އިމްރާންގެ އިތުބާރު ނެތް ކަމުގެ ވޯޓު ކުރިއަށް ގެންދިއުމަށް މަޖިލީހުގެ ތަޅުމުގައި އެޖެންޑާ ކޮށްފައި ވާއިރު، ޕީޓީއައިއަށް އެ ތަޅުމުގައި ލިބިފައި ވަނީ ހަނި މެޖޯރިޓީއެކެވެ. ކަން މިހެން އޮތް އިރު އިމްރާންއަށް ތާއީދު ކުރެއްވި ބައެއް މެންބަރުން، އެ ތާއީދު އަނބުރާ ގެންދަވާ ކަމުގެ ހަބަރުތައްވެސް ދަނީ ލިބެމުންނެވެ.

ޕާކިސްތާނުގެ އެއްވެސް ބޮޑު ވަޒީރަކަށް އަދި މިހާތަނަށް، ދައުރު ފުރިހަމަ ކުރެއްވިފައެއް ނުވެއެވެ.