ސައުދީ ރަސްގެފާނުގެ ހިލޭ އެހީގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުގައި އަޅަން ފެށި ސަލްމާން މިސްކިތް އަންނަ ހުކުރު ދުވަހު ހުކުރާ އެކު ހުޅުވާ ގޮތަށް ނިންމައިފިއެވެ.

މިއަދު އިސްލާމިކް މިނިސްޓްރީން ބުނީ، އެ މިސްކިތް ރަސްމީކޮށް ނުހުޅުވި ނަމަވެސް ރޯދަމަސް އަންނާތީއާއެކު އަންނަ ހުކުރުން ފެށިގެން އާންމުކޮށް ނަމާދުކުރެވޭ ގޮތަށް މިސްކިތް ހުޅުވާނެ ކަމަށެވެ.

25 މިލިއަން ޑޮލަރުގެ އެ މިސްކިތް އިމާރާތް ކޮށް ނިންމާ ނުހުޅުވި ހުންނަތާ ކިތަންމެ ދުވަހެކެވެ. މިނިސްޓްރީން ބުނެފައި ވަނީ މިސްކިތް ނުހުޅުވިގެން އުޅެނީ ސައުދީ ސަރުކާރުން ހުއްދައެއް ނުލިބިގެން ކަމަށެވެ. އެ މިސްކިތަކީ، ސައުދީގެ ހިލޭ އެހީގެ މިސްކިތެއް ނަމަވެސް ސައުދީން ދީފައި ވަނީ 14.5 މިލިއަން ޑޮލަރު ކަމަށް މިނިސްޓްރީން ބުނެއެވެ. ބަކީ ލިބޭތޯ މި ސަރުކާރުން މަސައްކަތްތަކެއް ކޮށްފައި ވާއިރު މިސްކިތް ހުޅުވުމުގެ ކުރިން ނިންމަން ޖެހޭ ބައެއް ކަންކަން ނިންމުމަށް 2 މިލިއަން ޑޮލަރު ހޯދަންވެސް ސަރުކާރުން އެދުނެވެ.

ސަލްމާން މިސްކިތް ހުންނަ ގޮތް:

  • 10،000 މީހުންގެ ޖާގަ ހިމެނޭ
  • 4 ފަންގިފިލާ ހުރޭ
  • އެކި ބޭނުންތަކަށް ބޭނުންކުރެވޭ ހޯލުތައއް ހުރޭ
  • ދުނިޔޭގެ ފެންވަރުގެ ލައިބްރަރީއެއް ހިމެނޭ
  • ގުރުއާން ކިޔަވައިދޭ ސެންޓަރެއް ހުރޭ
  • ކްލާސްރޫމްތައް ހުރޭ
  • 41500 އަކަފޫޓުގެ މިސްކިތެއް

މާލޭ ބޮޑުތަކުރުފާނު މަގުގެ އިރުމަތީ ފަރާތުގައި އިމާރާތްކޮށްފައިވާ ކިންގް ސަލްމާން މިސްކުތުގެ މަސައްކަތް ކުރީ ތުރުކީގެ ޓާމެކްސް ކުންފުންޏާއެވެ. އެ ކުންފުންޏާ އެކު ކުރީ ސަރުކާރުން އެއްބަސްވުމުގައި ސޮއިކުރީ ފެބްރުއަރީ 28، 2017 ގައެވެ.