ކުރިއަށް އޮތީ ބަރަކާތްތެރި ރޯދަމަސް ކަމަށް ވާ ހިނދު، އެ މައްސަރާ ދިމާކޮށް، ކާބޯތަކެތީގެ އަގު ބޮޑު ނުކުރުމަށް ނައިޖީރިއާގެ އިސް ޝަހްސުތަކަކުން، ވިޔަފާރިވެރިންނަށް ގޮވާލައްވައިފިއެވެ.

އެގޮތުން، ނައިޖީރިއާގެ ހުޅަނގު އުތުރު ސިޓީއެއް ކަމަށްވާ ސޮކޯޓޯގެ ސުލްތޯން، އަލްޙާޖީ މުޙައްމަދު އަބޫބަކްރު 3 ވަނީ، ރޯދާމަހު، ކާބޯތަކެތީގެ އަގު ބޮޑު ކުރުމުން ދުރުހެލިވުމަށް ވިޔަފާރިވެރިންނަށް ގޮވާލައްވާފައެވެ.

ސޮކޯޓޯގެ ސުލްތޯން މިކަމަށް ގޮވާލެއްވީ، ބައޫޗީ ސްޓޭޓް ސަރުކާރުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދިޔަ ގައުމީ ޤުރުއާން މުބާރާތް ނިންމާލުމުގެ ގޮތުން ކުރިއަށް ގެންދިޔަ ހަފުލާގައި ވާހަކަފުޅުދައްކަވަމުންނެވެ.

މި މޭރުމުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން ސުލްތޯން ވަނީ އާހިރަތް ދުވަސް މަތިން ހަނދާން ކުރުމަށް ވިޔަފާރިވެރިންނަށް ގޮވާލައްވާފައެވެ. އަދި އަމަލު ތަކާ ބެހޭ ގޮތުން އާޚިރަތް ދުވަހު ސުވާލު ކުރެވޭނެކަން ހަނދާން ކޮށްގެން ވިޔަފާރި ކުރުމަށްވެސް ސުލްތޯން ވަނީ ވިޔަފާރިވެރިންނަށް ގޮވާލައްވާފައެވެ.

ކާބޯތަކެއްޗާއި އެނޫންވެސް ޒަރޫރީ ތަކެތީގެ އަގު އުފުލުމުގެ ބަދަލުގައި، މާތް ﷲގެ ހަޒްރަތުން ރަޙުމަތް އަދައިގެން، ތަކެތީގެ އަގު ހެޔޮ ކުރުމަށް މަސައްކަތް ކުރުމަށްވެސް ސޮކޯޓޯގެ ސުލްތޯން ވަނީ ގޮވާލައްވަފައެވެ.

ނައިޖީރިއާގެ ސުޕްރީމް ކައުންސިލް ފޮ އިސްލާމިކް އެފެއާޒްގެ ޕްރެޒިޑެންޓް-ޖެނެރަލްގެ މަގާމުވެސް ފުރުއްވަމުން އަންނަ ސުލްތޯން އަބޫބަކްރު 3 ވަނީ، ދިރިއުޅުމުގެ ހަރަދުތައް ކުޑަކުރެވޭނެ އިންތިޒާމްތައް ހަމަޖެއްސުމަށްވެސް ނައިޖީރިއާގެ ސަރުކާރުތަކަށް ގޮވާލައްވާފައެވެ.

2023 އަކީ އިންތިހާބީ އަހަރަކަށް ވާ އިރު، މާތް ﷲ އަށް ބިރުވެތިވާ ހާލު، ސިޔާސީ ހަރަކާތް ހިންގުމަށްވެސް ސުލްތޯން ވަނީ ގޮވާލައްވާފައެވެ.

ނައިޖީރިއާގެ އަލް މިސްރީ ދައުވާ ފައުންޑޭޝަންގެ ބާނީ، ޝައިހް އަބްދުލްކަބީރު އިބްރާހީމް އަލް މިސްރީވެސް ވަނީ މިފަދަ ރޫހެއްގައި ވާހަކަދައްކަވާފައެވެ.

"މިއީ އަހަރެންގެ އެންމެ ފަހު ރޯދަމަހަށް ވެއްޖެނަމަ" މި ޝިއާރުގެ ދަށުން ކުރިއަށް ގެންދިޔަ ދަރުސް އިވެންޓެއްގައި ވާހަކަދައްކަވަމުން އަލް މިސްރީވެސް ވަނީ، ރޯދަ މަހު، ކާބޯތަކެތީގެ އަގު ބޮޑު ނުކުރުމަށް ގޮވާލައްވާފައެވެ.