މިއުޒިކް ޝޯއެއް ދިނުމަށް ވަގުތު ކުޑަތަންވެފައި ވަނިކޮށް އިއްޔެގެ ވަގުތެއްގައި މަރުވި ފޫ ފައިޓާޒްގެ ބެރުވެރިޔާ، ޓޭލާ ހޯކިންސް،50، ގެ ހަށިގަނޑުން، ގިނަ އަދަދެއްގެ މަސްތުވާތަކެތީގެ އަސަރު ފެނިފައި ވާ ކަމަށް ކޮލަމްބިއާގެ ތަހުގީގު ޓީމުން ބުނެފިއެވެ.

ކޮލަމްބިއާގެ ތަހުގީގު ޓީމުން ބުނީ ޓޭލާ ހޯކިންސް މަރުވުމުގެ ކުރިން، އޭނާގެ ހަށިގަނޑުގައި މެރުއަނާއާއި އޯޕިއޮއިޑްސްފަދަ ޑްރަގްތައް ދައުރު ކޮށްފައި ވާ ކަމަށެވެ.

ހޯކިންސް މަރުވީ ބޮގޯޓާގެ ހޮޓަލެއްގެ ތެރޭގައެވެ. ސަރަހައްދީ އޮފިޝަލުން ވިދާޅުވީ، ހޮޓަލެއްގައި ހުރި މީހެއްގެ މެއަށް ތަދުވާތީ އެ ހޮޓަލަށް އެމްބިއުލާންސް ފޮނުވި ކަމަށެވެ.

ހޯކިންސް މަރުވި ސަބަބެއް އަދި ކަށަވަރެއް ނުވެއެވެ. އަދި އެކި ޒާތުގެ މަސްތުވާތެކެތި އޭނާގެ ހަށިގަނޑުގައި ދައުރުކޮށްފައި ހުރުމަކީ ސަބަބެއް ކަމަށްވެސް ތަހުގީގު ޓީމުން އަދި ކަނޑައެޅިގެން ބުނެފައެއް ނުވެއެވެ.

1997 ވަނަ އަހަރު ފޫ ފައިޓާޒްއާ ގުޅުނު ހޯކިންސްއަކީ އެ ބޭންޑުގައި ޑްރަމަރެއްގެ އިތުރުން ލަވަ ލިޔެ، ލަވަ ކިއާވެސް އުޅުނު މީހެކެވެ.