ރެންސަމްވެއާ އެޓޭކަކާ ގުޅިގެން ސްޓެލްކޯގެ ބައެއް އޮންލައިން ހިދުމަތްތައް މެދުކަނޑާލައިފިއެވެ.

ސްޓެލްކޯއިން ބުނީ ރެންސަމްވެއާ އެޓޭކަކާ ގުޅިގެން އެކުންފުނީގެ ވެބްސައިޓާއި، މޯބައިލް އެޕްލިކޭޝަނާއި، މޯބައިލް އައުޓްލެޓްތަކާއި، އަދި ކައުންޓަރުތަކުން ދެމުންއައި ހުރިހާ ހިދުމަތެއް މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން މެދުކަނޑާލާފައިވާ ކަމަށެވެ.

މި އެޓޭކާ ގުޅިގެން، އެކުންފުނީގެ އައިޓީ ނެޓްވޯކަށް ދިމާވެފައިވާ މައްސަލަ ހައްލުކޮށް، ކަސްޓަމަރުންނަށް އޮންލައިންކޮށާއި، ކައުންޓަރުތައް މެދުވެރިކޮށް ދެމުންއައި ހިދުމަތްތައް އަލުން ފޯރުކޮށް ދިނުމަށް އަދިވެސް އިތުރު ވަގުތު ނަގާނެ ކަމަށް ބެލެވޭ ކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ.

ސްޓެލްކޯއިން ބުނީ މި މައްސަލަ ވީ އެންމެ އަވަހަކަށް ހައްލު ކުރުމަށްޓަކައި، އައިޓީ އިންޖީނިއަރުން ކެނޑިނޭޅި މަސައްކަތް ކުރަމުންދާ ކަމަށެވެ.

މިކަމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވާނެ ދަތިތަކަށް ނިހާޔަތަށް މާފަށް އެދޭ ކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ.