ރާއްޖޭގެ ވެކްސިން ކާޑު ބަލައިގަންނަން އިންޑިއާ އެއްބަސްވެއްޖެއެވެ. މިކަމަށް އެއްބަސްވެފައި ވަނީ އައްޑޫގައި އިންޑިއާގެ ހަރަދުގައި ހެދި ޕޮލިސް އެކެޑަމީ ހުޅުވައިދެއްވަން މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ އިންޑިއަގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރުގެ ދަތުރުގައި މިރޭ އައްޑޫގައެވެ.

މިނިސްޓްރީ އޮފް ހެލްތާއި އިންޑިއާގެ މިނިސްޓްރީ އޮފް ހެލްތު އެންޑް ފެމިލީ ވެލްފެއާ އާ ދެމެދު ވި ވެކްސިން ސެޓްފިކެޓާ ގުޅޭ އެއްބަސްވުމާއެކު ދިވެހިންނަށް އިންޑިއާއަށް ދަތުރުކުރުމުގައި މިހާރަށް ވުރެ ގިނަ ފަސޭހަތައް ލިބިގެން ދާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ. ނަމަވެސް އެ ފަސޭހަތަކުގެ ތަފްސީލެއް ނުދެއެވެ.

މިރޭ ސޮއިކުރި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ހެލްތު އަހުމަދު ނަސީމެވެ. އަދި އިންޑިއާގެ ފަރާތުން ސޮއިކުރެއްވީ އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މުނޫ މަހާވަރު އެވެ. މި އެއްބަސްވުމުގެ ދަށުން ދިވެހިރާއްޖެއިން ކޮވިޑް ސޭފް ވެބްސައިޓް (www.covidsafe.gov.mv) މެދުވެރިކޮށް ދޫކުރާ ޑިޖިޓަލް ވެކްސިން ސެޓްފިކެޓާއި، އިންޑިއާގެ ކޮވިން ޕްލެޓްފޯމް މެދުވެރިކޮށް ދޫކުރާ ސެޓްފިކެޓް އެއް ގައުމު އަނެއް ޤައުމުން ބަލައިގަންނާނެއެވެ.

މިރޭ ވަނީ އިތުރު އެއްބސްވުމެއްގައި ވެސް ސޮއިކޮށްފައެވެ. ދިވެހިރާއްޖޭގެ ނޭޝަނަލް ސެންޓާ ފޮ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ) އާއި، އިންޑިއާގެ ނޭޝަނަލް އިންފޮމެޓިކްސް ސެންޓާ (އެންއައިސީ) އާ ދެމެދު ސޮއިކުރި ޕިއަރިން އެގްރިމެންޓަކީ މި ދެ މުއައްސަސާގެ ދެމެދުގައި އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުމެކެވެ. މި އެއްބަސްވުމުގައި ސޮއިކުރުމަށް ފަހު ދެގައުމުގެ ހާރިޖީ ވަޒީރުން ވަނީ ހަޔާ އެޑިއުކޭޝަން ނެޓްވޯކް އޮފް މޯލްޑިވްސް އާއި އިންޑިއާގެ ނޭޝަނަލް ނޮލެޖް ނެޓްވޯކް އާ ދެމެދު ރަސްމީކޮށް ގުޅުން ގާއިމް ކޮށްދެއްވާފައެވެ.

މީގެ އިތުރުން ގުޅުން ބަދަހިކުރުމާއި، މީހުން ބިނާކުރުމުގެ ދާއިރާއިން ގުޅިގެން މަސައްކަތްކުރުމާ ބެހޭ އެއްބަސްވުމެއްގައި މޯލްޑިވްސް ޕޮލިސް ސާވިސްއާއި އިންޑިއާގެ ސަރްދާރް ވައްލަބާއީ ޕަޓޭލް ނޭޝަނަލް ޕޮލިސް އެކަޑަމީއާ ދެމެދު ސޮއިކުރާނެ ކަމަށްވެސް ފޮރިން މިނިސްޓްރީން ބުނެއެވެ.

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ ޖައިޝަންކަރު ރާއްޖެއަށް ކުރައްވާ 2 ދުވަހުގެ ރަސްމީ ދަތުރަކީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ ދައުވަތަކަށް ކުރައްވާ ދަތުރެކެވެ.