ޗެއިން އޮފް ކަސްޓަޑީ ކާޑު ހުށަހަޅާފައި ނެތުމުން 2016 ގައި ލަންކާއިން ވައިގެ މަގުން ރާއްޖެއަށް އެތެރެކުރި ކަމަށް ބުނާ 2.5 ކިލޯގެ ޑްރަގް މައްސަލާގައި ދައުލަތުން ދެ މީހެއްގެ މައްޗަށް ކުރި ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮޮށްފިއެވެ.

އެ މައްސަލައާ ގުޅިގެން ދައުލަތުން ދައުވާކޮށްފައި ވަނީ ގްރީންހައުސް / ށ. ބިލެތްފަހި، މޫސާ ސާމީއަށާއި، ހުޅަގުމަތީގެ / ޅ. ހިންނަވަރު، އިސްމާއީލް ޝިއާރު އިބްރާހީމްފުޅަށެވެ.

ލަންކާއިން 2016 ނޮވެމްބަރު 23 ގައި ރާއްޖެ އައި ސާމީ ގެނައި ޓްރޮލީ ދަބަހެއްގެ ދަށުގައި ހުރި ޕްލާސްޓިކް ގަނޑެއްގެ ދަށުގައި ޑްރަގް ހުރި ކަމަށް ކަސްޓަމްސް އަށް ތުހުމަތު ކުރެވުމުން، ފުލުހުން ވަނީ ކަސްޓަމްސް އާ ގުޅިގެން، އެ ޑްރަގާ ހަވާލުވާން އަންނަ ފަރާތް ހޯދަން މަސައްކަތް ކޮށްފައެވެ. އެގޮތުން ސާމީ މާލޭގެ ގެސްޓްހައުސަކަށް ގެންގޮސް އެ ދަބަހާ ހަވާލުވާން އައި ޝިއާރު ވަނީ ހައްޔަރު ކޮށްފައެވެ. ދައުލަތުން ބުނި ގޮތުގައި އެ ދަބަހުގެ ފަހަތުގައި ފޮރުވާފައި ހުއްޓާ 2.489 ކިލޯގެ ޑައިމޯފިން ހުއްޓެވެ.

އެ މައްސަލާގައި ސާމީގެ މައްޗަށް ޑްރަގް ރާއްޖެއަށް އެތެރެކުރުމުގެ ދައުވާ އުފުލާފައި ވާއިރު، ޝިއާރުގެ މައްޗަށް އުފުލާފައި ވަނީ ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާއެވެ.

ކްރިމިނަލް ކޯޓުން ކުރި ހުކުމްގައި ބުނެފައިވާ ގޮތުން، އެ މައްސަލާގައި ދައުލަތުން ހުށަހަޅާފައިވަނީ ޗެއިން އޮފް ކަސްޓަޑީ ކާޑުގެ ބަދަލުގައި ކުށުގެ ވެށިން ގެނެވޭ މީހުންނާއި ތަކެތީގެ މައުލޫމާތު ފޯމާއެކު ހުށަހަޅާފައިވާ ޗެއިން އޮފް ކަސްޓަޑީ ފޯމެވެ. ޗެއިން އޮފް ކަސްޓަޑީ ކާޑަކީ ލެބޯޓްރީ އާ ހިސާބަށް ޑްރަގް ގެންދާއިރު އެއަށް އެއްވެސް ބަދަލެއް އައިސްފައި ނުވާކަން ކަށަވަރު ކުރުމަށްޓަކައި ފުލުހުން ތަތްކުރާ އެއްޗެކެވެ.

އެހެންވެ، ކްރިމިނަލް ކޯޓުން ބުނީ ޑްރަގް ލެބޯޓްރީއަށް ގެންދިޔަ ގޮތާ މެދު ޝައްކުތަކެއް އެބަ ހުރި ކަމަށާއި، ތަހުލީލް ރިޕޯޓުގައި ބަޔާންކުރި ތަކެއްޗަކީ ފުލުހުން ސީނުން ހިފެހެއްޓި ތަކެތި ކަމާ މެދު ޝައްކު އެބަހުރި ކަމަށާއި، ފެނުނީ ޑައިމޯފިންކަން ފުލުހުންނަށް ސާބިތުކޮށްދެވިފައި ނުވާ ކަމަށެވެ.

އެހެންވެ، އެ ދެމީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.

ރާއްޖެއަށް ކަނޑުމަގުންނާއި އެއްގަމު މަގުން ގިނަ އަދަދަކަށް (ކިލޯ އިން) ޑްރަގް އެތެރެ ކުރި ނަމަވެސް، ޝަރީއަތާ ހިސާބަށް ދިޔުމުގެ ކުރިން ފުލުހުން ހަދާފައި ހުންނަ ގޯސްތަކާ ހެދި އެފަދަ މައްސަލަތަކުގައި ހައްޔަރު ކުރާ ގިނަ މީހުން ދަނީ ސަލާމަތް ވަމުންނެވެ. އެއިން ކޮންމެ ފަހަރަކުހެން މައްސަލަ ދިމާވެފައި އޮންނަނީ ޗެއިން އޮފް ކަސްޓަޑީ ނުވަތަ (ކަން ކުރަން އޮންނަ ގޮތް) ތަފާތު ވާ މައްސަލައެވެ.