އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބޭއްވި "ނޭވާހޮޅިއަށް" އެއްވުމުގައި ފެނުނު ބިދޭސީ މީހައަކީ ފުލުހުންނަށް ސިއްހީ ހިދުމަތްދޭ ބައިގައި މަސައްކަތް ކުރަމުން އަންނަ ބިދޭސީ މުވައްޒަފެއް ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިހެން ބުނެފައި ވަނީ އިދިކޮޅުން އިއްޔެ އެއްވުން ބޭއްވި ސަރަހައްދުގައި ފުލުހުންގެ ބައެއް އުޅަނދުފަހަރު ހަރަކާތްތެރި ވަމުން ދިޔައިރު، އެ ސަރަހައްދުގައި އޮތް ފުލުހުންގެ އުޅަނދެއްގެ ކައިރީގައި ގޮތް ނޭނގޭ މީހެއް ހުރި ކަމަށާއި، އެ މީހާގެ އަމުރާ އެއްގޮތަށް ފުލުހުން އަމަލުކުރަމުން ދިޔަ ކަމަށް، ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ތުހުމަތު ކުރެއްވުމާ ގުޅިގެންނެވެ.

"އަލުގަނޑުމެން ގަބޫލުކުރާ ގޮތުގައި އެއީ އިންޑިއާ ސިފައިންގެ މީހެއް. އެއީ އަޅުގަނޑުމެންނަށް ދޭތެރެ ދޭތެރެއިން ފެނޭ ޕޮލިހުން ގޮސް އޭނައާ މަޝްވަރާކުރާ ތަން." އަދުރޭ ވިދާޅުވިއެވެ.

މީޑިއާތަކަށް މިއަދު ދިން މައުލޫމާތުގައި ފުލުހުން ބުނެފައި ވަނީ، އެ ބިދޭސީ މުވައްޒަފަކީ ފުލުހުންގެ ސިއްހީ ހިދުމަތްދޭ ބައިގައި މަސައްކަތް ކުރާ މުވައްޒަފެއް ކަމަށާއި، އޭނާ އިއްޔެ މަސައްކަތް ކޮށްފައި ވަނީ ފުލުހުންގެ މެޑިކަލް ޓީމާ އެކުގައި ކަމަށެވެ. އަދި ބައެއް ނޫސް މަޖައްލާތަކުން އޭނާގެ ފޮޓޮއާއި މައުލޫމާތު އާންމުކުރި ގޮތުގެ ސަބަބުން އޭނާއަށް އިންޒާރު ލިބެމުންދާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

ނަމަވެސް، އެއީ ކޮން ގައުމެއްގެ މުވައްޒަފެއްކަން ފުލުހުން ބުނެފައި ނުވާ އިރު، ފަސްޓްއެއިޑް ދޭން ނުވަތަ މެޑިކަލް ކަންކަމުގައި މީގެ ކުރިން ބިދޭސީ މުވައްޒަފުން އުޅޭތަން ފެނިފައެއް ނުވެއެވެ.

އިދިކޮޅު ކޯލިޝަނުން އިއްޔެ ބޭއްވި އެއްވުން ހުއްޓުވުމަށްޓަކައި ފުލުހުން ބައިވަރު ފިޔަވަޅުތައް އަޅާފައި ވެއެވެ. އެގޮތުން، އެއްވުން ފެށުމުގެ ކުރިން ޕީޕީއެމް އޮފީސް ކައިރީގައި ފޯރިމަރާފައި ވާއިރު، އެ ސަރަހައްދުގައި ބެރިކޭޑު ޖަހައި، ތަން ބަންދުކޮށްފައި ވެއެވެ. އަދި އެއްވުން ރޫޅާލުމަށްޓަކައި ކަރުނަ ގޭސް ބޭނުންކޮށްފައި ވާއިރު، އިދިކޮޅަށް ނިސްބަތްވާ ބައެއް އިސް ބޭފުޅުންވެސް ހައްޔަރުކޮށްފައި ވެއެވެ.

އިއްޔެ ހަވީރު އޮތް އެއްވުމަށް ފަހު ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިދިކޮޅުން ވަނީ ހާލަތާ ނުބައްދަލު ބާރުގެ ބޭނުން ފުލުހުން ކޮށްފައިވާ ކަމަށް ބުނެފައެވެ.