އަނބިމީހާ ދެކިލުމަށްޓަކާ ތައިލޭންޑުން އިންޑިއާއަށް، 2000 ކިލޯމީޓަރުގެ ރާސްތާއަކަށް ފަލިޖަހަން މަސައްކަތް ކުރި ވިއެޓްނާމް ފިރިހެނެއް، ތައިލޭންޑްގެ އައްސޭރިފަށުގެ ސަރަހައްދުން ސަލާމަތްކޮށް، ކަމާ ބެހޭ ފަރާތްތަކުގެ ބެލުމުގެ ދަށުގައި ހައްޔަރު ކޮށްފައި ވާ ކަމަށް ކަނޑުގެ އަސްކަރިއްޔާގެ އިސް އޮފިޝަލަކު، ބައިނަލްއަގުވާމީ މީޑިއާއަށް ވިދާޅުވެއްޖެއެވެ.
ހޯ ހޮއާންގް ހަންގް ނަމަކަށް ކިއާ އެ ފިރިހެން މީހާ، ތައިލޭންޑްގެ ރިސޯޓް ރަށެއް ކަމަށް ވާ ޕުކެޓުން ފުރީ، ވައި ޖަހާ ފުއްޕާފައި ވާ ރަބަރު ޑިންގީއެއްގައެވެ. ފެނާއި އިންސްޓަންޓް ނޫޑްލް ބަރުކޮށްގެން ފެށި ދަތުރުގައި ނިޔެމި ކަމުގެ ސަމުގާއާ ގުޅޭ އެއްވެސް ނިޒާމެއް ނެތް ކަމަށް މައުލޫމާތު ލިބެއެވެ. އޭނާ ބޭ އޮފް ބެންގޯލް ހުރަސް ކުރަން ގަސްތު ކުރީ، ތޫފާންތަކުގެ މޫސުން ފެށެން ގާތްވާ ދުވަސްވަރުއެވެ.
ސިމިލިއާން އައިލަންޑްސްއޭ ކިއުނު ސަރަހައްދުން، އުމުރުން 37 އަހަރުގެ ހޯ ފެނުނީ މަސްބޯޓަކަށެވެ. އެއީ ތައިލޭންޑްގެ މައި ސަރަހައްދާ 80 ކިލޯމީޓަރު ދުރުންނެވެ. އެހާ ހިސާބުން، ތައިލޭންޑްގެ ކަމާ ބެހޭ ފަރާތްތަކުގެ ސަމާލުކަމަށް އެކަން ގެނެސް، ހޯ ސަލާމަތް ކުރީ ކަމަށް މައުލޫމާތު ލިބެއެވެ.
ތައިލޭންޑްގެ މެރިޓައިމް އެންފޯސްމަންޓް ކޮމާންޑް ސެންޓަރުގެ ކެޕްޓަން ޕިޗެޓް ސޮންގްޓޭން ވިދާޅުވަނީ ހޯގެ ދަތުރުގެ ވާހަކަތައް އޭނާ ކިޔައިދިން ގޮތަށް، ބައިނަލްއަގުވާމީ މީޑިއާއަށް ތިލަކޮށްދެއްވާފައެވެ. ހޯގެ އަނބިމީހާ މަސައްކަތް ކުރަނީ އިންޑިއާގެ ވިޔަފާރި މަރުކަޒީ ރަށް، މުމްބާއީގައި ކަމަށާ، ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ފިޔަވަޅުތަކާ ހެދި، އަނބިމީހާއާ ބައްދަލު ނުވާތާ 2 އަހަރު ވެފައި ވާ ކަމަށް ހޯއާ ހަވާލާދީ އޮފިޝަލު ވަނީ ވިދާޅުވެފައެވެ.
ޕިޗެޓް ވިދާޅުވީ، އެ ފިރިހެން މީހާ ދަތުރު ކުރަމުން ދިޔައީ އެއްވެސް ކަހަލަ ޗާޓެއް، ސަމުގާއެއް، ޖީޕީއެސްއެއް ނުވަތަ ބަދަލު ކުރާނެ އިތުރު ހެދުމެއްވެސް ހިފައިގެން ނޫން ކަމަށެވެ. އަދި އެ އުޅަނދުގައި ހުރީ ވަރަށް މަދު މިންވަރެއްގެ ފެންފޮދެއް ކަންވެސް ވަނީ ފާހަގަ ކުރައްވާފައެވެ.
ހޯ އެންމެ ފުރަތަމަ ދަތުރު ކުރީ ބެންކޮކަށެވެ. ނަމަވެސް ވިސާ ނެތި އިންޑިއާއަށް ދަތުރު ނުކުރެވޭނެ ކަން އެނގުމުން، ބަހުގައި ޕުކެޓަށް ދަތުރުކޮށް، ޑިންގީ ހޯދީއެވެ.
ބުނެވޭ ގޮތުގައި، 2 އަހަރަށްފަހު އަނބިމީހާ ދެކިލުމަށް ހޯ، ދަތުރު ފެށީ މާޗް 5، 2022 ވަނަ ދުވަހުއެވެ. ނަމަވެސް މޫސުން ހުރި ގޮތުން، 2 ހަފުތާއެއްހާ ދުވަސް ވީ އިރުވެސް ހޯގެ ދަތުރަށް މާ ބޮޑު ކާމިޔާބީއެއް ނުލިބެއެވެ.
ތައިލޭންޑްގެ އޮފިޝަލުން ވަނީ އިތުރު ސުވާލު ކުރުމަށްޓަކާ، ހޯ، ޕުކެޓަށް ގެންދާނެ ކަމަށް ވިދާޅުވެފައެވެ.
މަގޭ ފިރިމީހާ މަގޭ ދެކެވެސް އެވަރަށް ލޯބިވާނަމަ.