ބީރައްޓެހި ގައުމުތަކަށް ގޭސް ވިއްކާއިރު މާލީ ބަދަލުގެ ގޮތުގައި މީގެ ފަހުން ބަލައިގަންނަމުން ދާނީ ރަޝިއާ ފައިސާ (ރޫބަލްސް) ކަމަށް، އެ ގައުމުގެ ރައީސް ވްލޭޑްމިއާ ޕޫޓިން ވިދާޅުވެއްޖެއެވެ.

މިއީ ޔޫކްރައިންއަށް އަރާ، ރަޝިއާއިން ކުރަމުން ދާ ހަނގުރާމައާ ގުޅިގެން ރަޝިއާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާ، ބައިނަލްއަގުވާމީ މައިދާނުގައި ރަޝިއާ އެކަހެރި ކުރަމުން އަންނަ ހުޅަނގުގެ ގައުމުތަކަށް ލިބޭ ބޮޑު ކޮޅުކެއްސެއް ކަމުގައި ބެލެވިދާނެއެވެ.

ރަޝިއާއިން ގޭސް ގަތުމާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އިއުލާން ކޮށްފައި އޮތް ނަމަވެސް، ވިލާތުގެ ބައެއް ގައުމުތަކުން އަދިވެސް ދަނީ، ޔޫކްރައިން މަގުން ރަޝިއާގެ ތެޔޮ އިމްޕޯޓް ކުރަމުން ކަން ފާހަގަ ކުރަން ޖެހެއެވެ.

ރަޝިއާގެ ހަކަތައިގެ ސިނާއަތުގެ އެންމެ ވަރުގަދަ ކުންފުނި ކަމަށް ވާ ގެޒްޕްރޮމްއާ ހަވާލާދީ، ބައިނަލްއަގުވާމީ މީޑިއާއިން ރިޕޯޓް ކުރާ ގޮތުގައި، މާޗް 21 ގެ ނިޔަލަށް ރަޝިއާއަށް ފޮނުވާފައިވާ ގޭސް ސްޕަލައި ރިކުއެސްޓްތަކުގެ އަދަދު، 104.7 މިލިއަން ކިއުބިކް މީޓަރަށް އަރައެވެ.

"ބީރައްޓެހި" ގައުމުތަކަށް ގޭސް ވިއްކާނީ ރޫބަލްސްއިން ކަމަށް ޕޫޓިން ވިދާޅުވެފައި ވާއިރު، މި ކަމުގެ އަސަރު ވިލާތަށް އިންތިހާއަށް ކުރާނެ ކަމަށް ގެޒްޕޮރޮމް އިން ބުނެއެވެ. ގެޒްޕްރޮމް އިން ވިލާތަށާއި އެހެން ގައުމުތަކަށް، ޖެނުއަރީ 27ގެ ނިޔަލަށް ވިއްކި ގޭހުގެ 58 ޕަސެންޓް ހަލާސް ކޮށްފައި ވަނީ ވިލާތުގައި ބޭނުން ކުރާ ޔޫރޯ ފައިސާއިންނެވެ.

ޕޫޓިން ވަނީ ގޭސް ވިއްކުމުގެ ބޭނުން ކުރާ ފައިސާއަކީ ރޫބަލްސް ކަމަށް ހަމަ ޖައްސާފައި އޮތް އޮތުމަށް އަމަލީ ސިފަ ގެނައުމަށް، ބޭންކުތަކަށް ހަފުތާއެއްގެ މުހުލަތު ދެއްވާފައެވެ.

ރަޝިއާއިން "ބީރައްޓެހި" ގައުމުތަކެއްގެ ގޮތުގައި ގައުމުތަކަކަށް ރިއާޔަތް ކުރަން ފަށާފައި ވަނީ، ހުޅަނގުން އިއުލާން ކުރި ދަތިކުރުމުގެ ފިޔަވަޅުތަކާއެކުގައެވެ. އެ ލިސްޓުގައި ހިމެނޭ ގައުމުތަކުގެ ތެރޭގައި އެމެރިކާ، ވިލާތުގެ އިއްތިހާދުގެ މެންބަރުން، އިނގިރޭސިވިލާތް، ޖަޕާން، ކެނެޑާ، ނޯވޭ، ސިންގަޕޫރު، ދެކުނު ކޮރެއާ، ސުވިޓްޒަލަންޑް އަދި ޔޫކްރައިން ހިމެނެއެވެ.