ކަނޑުގެ ލޮނުގަނޑު ހޫނުވެ، ގާ ހުދުވެ، އޮސްޓްރޭލިއާގެ ގްރޭޓް ބެރިއާ ރީފް ނުވަތަ ދުނިޔޭގެ އެންމެ ބޮޑު ފަރުގައި އުޅޭ މަސްމަހާމެހީގެ ކުލަ މަރުވަމުން އަންނަ ކަމަށް އާ ދިރާސާއެއް ބުނެފިއެވެ.

ގްލޯބަލް ޗޭންޖް ބައޮލޮޖީގައި އާންމު ކޮށްފައިވާ ދިރާސާގެ ރިސާޗަރުން ވަނީ، މަސްމަހާމެހީގެ ކުލަ މަރުވަމުން ދިއުމާއި، އެ ދިރުންތައް އުޅެމުންދާ ވެށީގައިވާ މުރަކައާ ބޮޑު ގުޅުމެއް ވާ ކަމަށް ދެނެގަނެފައެވެ.

މަސްމަހާމެއްސަށް ލިބިގެންވާ ހިތްގައިމު، މުއްސަނދި ކުލަތަކަކީ، އެ ދިރުންތަކުގެ ވެއްޓާ ސީދާ ގޮތުން ގުޅިފައިވާ ކަމެއް ކަމަށް ދިރާސާއިން ވަނީ ދައްކާފައެވެ.

އެގޮތުން ފުރިހަމައަށް ހެދިފައިވާ މުރަކަ ހުންނަ ސަރަހައްދުތަކުގައި އުޅޭ މަސްމަހާމެއްސަލަކީ ގަދަ ކުލަތަކެއް ލިބިފައިވާ ދިރުންތަކެއްކަމަށް ދިރާސާއިން ވަނީ ހާމަވެފައެވެ.

ކަން މިހެން އޮތް އިރު، ރީނދޫ އަދި ފެހި ކުލައިގެ މަސްމަހާމެހީގެ ނިސްބަތް، މިދިޔަ 27 އަހަރު ދުވަހުގެ ތެރޭގައި 4 ބައިކުޅަ 3 ބައި މަދުވި ކަން ފާހަގަ ކުރުން މުހިންމެވެ. އަދި 1998 ވަނަ އަހަރު މުޅި ދުނިޔެއަށް ކުރިމަތިވި ގާ ހުދުވުމުގެ ހާދިސާއަށް ފަހު އައި އަހަރުތަކުގައި، މަސްމަހާމެހީގެ އާބާދީގެ ކުލަތަކަށް ހީނަރުކަން އައިސްފައި ވާކަންވެސް ފާހަގަ ކުރަން ޖެހެއެވެ.

ދިރާސާ މަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގެންނެވި އޮސްޓްރޭލިއާގެ ޖޭމްސް ކުކް ޔުނިވާސިޓީގެ ޑރ ކްރިސްޓަފާ ހެމިންގްސަން ވިދާޅުވީ، މުރަކާގައި ފެހި ޖެހުމާއި މަރުވެފައިވާ މުރަކައިގެ ގާ ކުނޑި އިތުރުވާ ވަރަކަށް، މަސްމަހާމެހީގެ ދިރުންތަކުގެ ކުލަތަކުގެ މުއްސަނދިކަން ގެއްލެމުން ދާ ކަމަށެވެ.

ކުރިއަށް އޮތް ތަނުގައި ފަރުތަކުގައި އުޅޭ މަސްމަހާމެއްސަކީ ކުރީގެ މަސްމަހާމެއްސާ އަޅާ ބަލާއިރު ފަނޑު މަސްތަކަކަށް ވުން ގާތް ކަމަށްވެސް އޭނާ ވަނީ ފާހަގަ ކުރައްވާފައެވެ.

ފަހުގެ ރިޕޯޓްތައް ބުނާ ގޮތުން، ގްރޭޓް ބެރިއާ ރީފްއަށް ވަނީ ގާ ހުދުވުމުގެ މައްސަލަތަކާ ކުރިމަތިލާން ޖެހިފައެވެ.