މީގެ ހަ އަހަރު ކުރިން އައްޑޫގެ ވިޔަފާރިވެރިޔަކު މަރާލި މައްސަލާގައި އެ ކަމުގައި އެހީވި ކަމުގެ ދައުވާ އުފުލާފައިވާ މީހަކަށް ހުކުމް ކުރި އިރު ހުކުމްގެ މުއްދަތު ހަމަވެ، މިނިވަންވެއްޖެއެވެ.
ހިތަދޫ ވިޔަފާރިވެރިޔާ، އަލީ އަބްދުﷲ މަރާލައި ޗަސް ބިމަކަށް އެއްލާލާފައި އޮއްވައި ފެނުނު މައްސަލާގައި އޭނާ މެރުމުގައި އެހީވެފައި ވާތީ، އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާކުރީ ހިތަދޫ، މުހައްމަދު ޝިފާޒްގެ މައްޗަށެވެ. އޭނާ މަރާލިކަމުގެ ކުށް ސާބިތުވެފައިވާ އަހްމަދު އިބްރާހިމް ދީދީ ބުނެގެން ހިތަދޫ ސްކޫލް ކައިރިއަށް އަލީ އަބްދުﷲ ގެންދިޔުމަށް ޝިފާޒް ވަނީ އެހީވެދީފައެވެ. އަދި އަލީ އަބްދުﷲ މަރާލާފައި ވަނީ އެތަނަށް ގެންދިއުމަށް ފަހު އޭނާގެ ކަރުގައި ވާގަނޑެއް އޮޅައި ބާރުކޮށްގެން އަހްމަދު އިބްރާހިމް ދީދީ ކަމަށް ކްރިމިނަލް ކޯޓުގެ ހުކުމްގައި ބުނެއެވެ.
މައްސަލަ ކޯޓަށް ހުށަހެޅި ފަހުން ޝިފާޒް ވަނީ ދައުލަތާ އެކު އިއުތިރާފް އެއްބަސްވުމެއް ހަދާ ތަހުގީގަށް އެއްބާރުލުން ދީފައެވެ. އެހެންނަމަވެސް އިއުތިރާފް އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށް ދައުލަތުން ބުންޏަސް ޝަރީއަތް ފެށުމުން ޝިފާޒް ވަނީ ދައުވާއަށް އިންކާރުކޮށް، އޭނާގެ ފަރާތުން ދެން ވާހަކަ ދައްކާނީ ވަކީލެއް ކަމަށް ބުނެފައެވެ.
އިއުތިރާފް އެއްބަސްވުމެއް ހެދި ނަމަވެސް އެއަށް އިންކާރުކުރާ ހިސާބުން ދެން ޝަރީއަތް ކުރިއަށް ގެންދާނީ އާންމު އުސޫލުން ކަމަށް ވާތީ ޝަރީއަތް ހިންގީ އިއުތިރާފަށް ނުބަލައި ދެ ފަރާތުން ވެސް ހެކި ހުށަހަޅައިގެންނެވެ.
ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ވަނީ މެންދަމުން އަލިވެ 3 ޖަހާ ހާއިރު މީހުން ނޫޅޭ ފަޅު ހިސާބަކަށް އަލީ އަބްދުﷲ ގެންގޮސްދޭން ޝިފާޒަށް 30،000 ރުފިޔާ ހުށަހެޅި ކަމަށާއި ޝިފާޒް އެކަން ކޮށްދިނީ 50،000 ރުފިޔާ ދޭނެ ކަމަށް ބުނުމުން ކަމަށެވެ. ޝިފާޒް ފުލުހުންނަށް ދިން ބަޔާނުގައި ބުނެފައި ވަނީ މަރާލި، އަލީ އަބްދުﷲ ސްކޫލް ކައިރިއަށް ގެންދިޔައީ ރައްޓެއްސެއްގެ ކައިރިއަށް ގެންގޮސްދޭށޭ ބުނެ އަލީ އަބްދުﷲގެ ސައިކަލްގައި، އޮޅުވާލައިގެން ކަމަށާއި އެ ހިސާބަށް ދިއުމާއެކު ހިތަދޫ ސްކޫލް އިރުއުތުރު ފަރާތަށް އޮންނަ އަލަ އޮޅާ ދިމާލު ވަލުތެރެއިން އަހްމަދު އިބްރާހިމް ދީދީ އާއި މޫނު ނިވާކޮށްގެން، ހުދުކުލައިގެ ރަބަރު އަންގިތަކެއް ލައްވައިގެން ތިބި އިތުރު ދެ މީހަކު ނުކުތް ކަމަށް ހުކުމުގައި ވެއެވެ.
މީގެ އިތުރުން ޖެހިގެން އައި ދުވަހު އަހްމަދު އިބްރާހިމް ދީދީ ޝިފާޒްއާ ބައްދަލުކޮށް ފައިސާ ދިން ކަމަށާއި އެއްވެސް މީހަކު ގާތު އެ ވާހަކަ ދައްކައިފި ނަމަ އަލީ އަބްދުﷲ އަށް ހެދިހެން ހަދާނެ ކަމަށް ބުނި ކަމަށް ވެސް ހުކުމުގައި ވަނީ ބުނެފައެވެ.
ޝިފާޒްގެ މައްޗަށް ކުރި ހުކުމުގައި ވަނީ ދައުވާ ޝައްކެއް ނެތް މިންވަރަށް ސާބިތުވާ ކަމަށާއި މި ކުށުގެ އަދަބެއްގެ ގޮތުން ހަ އަހަރަށް ޖަލަށް ލާން ހުކުމް ކުރާ ކަމަށެވެ. ނަމަވެސް ތަހުގީގު މަރުހަލާއިން ފެށިގެން ޝިފާޒް ހުރީ ބަންދުގައި ކަމަށް ވާތީ، ޖިނާއީ އިޖުރާއާތުގެ ގާނޫނުގައި އޮންނަ ގޮތަށް އެ މުއްދަތު ގުނުމުން ހުކުމުގެ މުއްދަތު ހަމަވެފައި ވާތީ ހުކުމް ތަންފީޒުކޮށް ނިމިފައިވާ ކަމަށް ހުކުމް ކުރެއްވީއެވެ.