އަންނަ ހުކުރު ދުވަހު އިދިކޮޅު ކޯލިޝަނުން ބާއްވާ "ނޭވާހޮޅިއަށް" އެއްވުމުގައި ބައިވެރިނުވުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ.
މި ހަރަކާތް ނުބޭއްވޭނެ ކަމަށް ފުލުހުން މީގެ ކުރިންވެސް ވަނީ އަންގާފައެވެ. ނަމަވެސް އިދިކޮޅުން ވަނީ ހަރަކާތް ކުރިއަށްގެންދާނެ ކަމަށް ބުނެފައެވެ.
އެކަމާއި ގުޅިގެން ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ އަންނަ ހުކުރު ދުވަހުގެ ހަވީރު 4 އިން ފެށިގެން އިރުއޮއްސި 6 އަށް މާލޭގެ މަގުތަކާއި ޕާޓީ އޮފީސް ސަަރަހައްދާއި ކާނިވާ ސަރަހައްދާއި ރަސްފަންނާއި ބޮޑުތަކުރުފާނު މަގާއި މާލޭ ދެކުނުފަރާތު އުސްފަސްގަނޑު ސަރަހައްދުގައި އިދިކޮޅުން ބޭއްވުމަށް ރާވާފައިވާ އެއްވުމަކީ ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނާ އެއްގޮތަށް ބާއްވާ އެއްވުމެއް ނޫން ކަމަށް ބެލެވޭ ކަމަށެވެ. އެހެންވެ އެ އެއްވުން ނުބާއްވަން ފުލުހުން އަންގާފައިވާނެ ކަމަށް ފުލުހުންގެ ބަޔާނުގައިވެއެވެ.
މި އެއްވުމުގައި ބައިވެރިވުމަށް، ރަށްރަށުން މީހުން ގެންނަ ގޮތަށް ހަމަޖެހިފައިވާ ކަމަށާއި އަދި ގިނަ އަދަދެއްގެ ދުއްވާ އެއްޗެހި ބޭނުން ކޮށްގެން މާލޭގެ ބޮޑެތި މަގުތައް ބްލޮކް ކޮށް ރައްޔިތުންނާއި އާންމު ދަތުރު ފަތުރާއި ހިދުމަތްތަކަށް ހުރަސް އެޅޭ ގޮތަށް ކަންތައްތައް ކުރުމަށް ރާވަމުންދާ ކަމަށް ފުލުހުން ބުނެއެވެ.
އެގޮތުން މާލޭގައި އުޅޭ ކުށްކުރާ ގްރޫޕްތައް ހޯދައި އެއްވުމުގައި ބައިވެރިކުރުމަށް އެއްވުން އިންތިޒާމު ކުރާ ފަރާތްތަކުން ރާވަމުންދާ ކަމަށްވެސް ފުލުހުން ވަނީ ތުހުމަތުކޮށްފައެވެ. އަދި އެއްވުމުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ދަތިކުރުމުގެ ގޮތުން އެއްވަގުތެއްގައި އެކި ސަރަހައްދުތަކަށް ބައިބަޔަށް މީހުން ނުކުތުމަށް ވެސް ރާވަމުންދާ ކަމަށް ބަޔާނުގައިވެއެވެ.
ފުލުހުން އިތުރަށް ބުނީ މި އެއްވުމުގައި ބައިވެރިވެ، ގާނޫނާއި ހިލާފު އަމަލުތަކަށް މަގުފަހިކުރުވާ ކަމަށް ތުހުމަތުކުރެވޭ މީހުންގެ އެއްގަމު އުޅަނދާއި ކަނޑު އުޅަނދު ބަލައި ފާސްކުރާނެ ކަމަށާއި އަދި މިފަދަ އެއްވުމެއް ބާއްވައިފިނަމަ އެއްވުން ރޫޅާލާނެ ކަމަށެވެ. އަދި ގާނޫނާ ހިލާފުވާ ފަރާތްތަކާމެދު ގާނޫނީ އިމުގެ ތެރެއިން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ވެސް ފުލުހުން ބުނެއެވެ.