މީސްމީޑިއާގެ ވިއުގައަކީ ހެޔޮ ގޮތުގައި ބޭނުން ކޮށްފި މީހަކަށް ތާއަބަދުމެ އާ މައުލޫމާތު ލިބިދެނިވި ވަސީލަތަކޭ ބުނާ ބުނުމާ ދެބަސްވާކަށް ނެތީމެވެ. ސަބަބެއް ނެތިއެއް ނޫނެވެ. މިއީވެސް އެފަދަ ދުވަހަކެވެ.

މީސް މީޑިއާގެ ސޮފުހާތަކާ ކުޑަދޮރުތަކުން ބޯދިކޮށް ބަލަމުން ދަނިކޮށް ލޮލުގައި އަޅައިގަތީ ރާއްޖެއިން ރޮކެޓްތަކެއް އުދުއްސާލި ކަމަށް މީހަކު ބުނި ޕޯސްޓެކެވެ. އޭގައިވާ އެންމެ ބަހެއްގައި ހިފައިގެން އިންޓަނެޓްގެ ފުން ހަޒާނާގެ ތެރެއަށް ފީނައިގަތީމެވެ. ވައިގެ އުދުހުންތަކާއި ޖައްވީ ހޯދުންތަކަށް އޮތް ޝައުގެއްގެ ބޮޑުކަމުންނެވެ.

އެއީ ތެދެކެވެ. މީގެ އަހަރުތަކެއް ކުރިން، މި ކުޑަކުޑަ ދިވެހިރާއްޖެއިން ވެސް ވަނީ ރޮކެޓްތަކެއް އުދުއްސާފައެވެ. އެ ބަހެއްގައި ހިފައިގެން އިންޓަނެޓަށް ފީނައިގަތް ޒާތުގެ "ކުކަބަރާ" ރޮކެޓް ތަކެކެވެ. އެއް ލިޔުމުން އަނެއް ލިޔުމަށް ދައުރުވަމުން ގޮސް، މިކަމާ ބެހޭ މައުލޫމާތު، ހިސާބަކަށް އެއްކުރެވުނީތީ ހިއްސާކޮށްލާނަމެވެ. ނަމަވެސް ހުލާސާ އުސްއަލިތަކެކެވެ.

އެންމެ ހައިރާން ކުރަނިވި މައުލޫމާތަކަށް އެނގުނު އެއް ކަމަކީ ދިވެހިރާއްޖޭގައި ވެސް ރޮކެޓް ލޯންޗް ސައިޓެއް އޮތް ކަމެވެ. އެއީ ރާއްޖޭގެ އެންމެ ދެކުނުން އައްޑޫ ސިޓީ ގަމުގައެވެ. އެ ލޯންޗް ސައިޓުން އުދުއްސާފައިވާ ރޮކެޓްތަކުގެ އަދަދު، 30 އަށް ވުރެ މައްޗަށް އަރައެވެ.

ގަން ލޯންޗް ސައިޓުން އުދުއްސާފައި ވަނީ އޮސްޓްރޭލިއާގެ ވެޕަންސް ރިސާޗް އެސްޓަބްލިޝްމަންޓް (ޑަބްލިއުއާރްއީ)ގެ ރޮކެޓްތަކެކެވެ. ނުވަތަ ވެދާ ބެލޫންތަކެކެވެ. މިއަށް ސައުންޑިންގް ބެލޫންސްއޭވެސް ކިޔައެވެ. މަގުސަދެއް ކަމުގައި ބުނެފައި ވަނީ މޫސުމީ މިޝަންއެއް ކަމަށެވެ.

ޖައްވީ މިޝަންތަކާ ބެހޭ މައުލޫމާތު ހިމެނޭ އެސްޓްރޮނޯޓިކްސްގެ ޑޭޓާބޭސްއަށް ބަލާއިރު، އައްޑޫ ލޯންޗް ޕެޑުން އެންމެ ފުރަތަމަ ފަހަރަށް ރޮކެޓެއް އުދުއްސާލާފައި ވަނީ އޭޕްރިލް 16، 1969ގައެވެ. އަދި އެންމެ ފަހު ރޮކެޓް އުދުއްސާލީ ޖުލައި 01، 1972ގައެވެ.

ރާއްޖޭގެ ލޯންޗްޕެޑަކުން އުދުއްސާފައި ވަނީ އޮސްޓްރޭލިއާގެ ސައުންޑިންގް ރޮކެޓްތަކެކެވެ. ނުވަތަ ރިސާޗް ރޮކެޓްތަކެކެވެ. މަގުސަދަކީ ސަބް-އޯބިޓަލް ދަތުރުމަތީގައި އެކި ކަހަލަ ސައެންޓިފިކް މައުލޫމާތު އެއްކުރުމެވެ. މި ޒާތުގެ ރޮކެޓްތައް އާންމު ގޮތެއްގައި ދަތުރު ކުރާނީ ވެދާ ބެލޫންތަކާއި ސެޓެލައިޓްތަކާ ދެމެދު އޮން ސަރަހައްދަށެވެ. ނުވަތަ ބިމުގެ ސަތަހައިން ފެށިގެން 25 މޭލާއި 75 މޭލާ ދެމެދު އުސް މިނަކަށެވެ.

މި ދަނޑިވަޅަކީ ޖައްވީ އަމާޒަށް ދިވެހިންވެސް މިސްރާބު ޖަހާފައިވާ ދުވަސްވަރެއް ކަމުން، މި ލިބުނު މައުލޫމާތު ހިއްސާކުރުމަކީ މުނާސަބު ކަމެއް ކަމުގައި ދެކެވުނީތީ ހިއްސާކޮށްލީއެވެ.