ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އަށް ޕޮޒިޓިވްވާ ކުޑަކުދިންގެ ހަށިގަނޑުގައި ގުދުރަތީ ގޮތުން އުފެދޭ އެންޓިބޮޑީޒް، 7 މަސް ދުވަސް ވަންދެން ހަށިގަނޑުގައި ދައުރުވަމުން ދާ ކަން ދެނެގަނެވިފައި ވާ ކަމަށް، ޔުނިވާސިޓީ އޮފް ޓެކްސަސް ހެލްތު ސައެންސް ސެންޓަރުން ކުރި ދިރާސާއަކުން ހާމަވެއްޖެއެވެ.

މި ދިރާސާ އާންމު ކޮށްފައި ވަނީ "ޕީޑިއަޓްރިކްސް" ޖާނަލްގައެވެ. މި ދިރާސާއަށް މައުލޫމާތު އެއްކޮށްފައި ވަނީ، ޓެކްސް ކެއާޒް ސްޓަޑީ ޕްރޮގްރާމުގައި ދަފުތަރު ކޮށްފައިވާ ކުދިންގެ ތެރެއިން، އުމުރުން 5 އަހަރާއި 19 އަހަރާ ދެމެދު 218 ކުއްޖެއްގެ ކިބައިންނެވެ.

ދިރާސާގެ ބޭނުމަށް، 3 މަރުހަލާއަކަށް ބަހާލައިގެން، ބައިވެރިންގެ ހަށިގަނޑުން ސާމްޕަލް ނަގާފައިވެއެވެ. އެގޮތުން ކޮވިޑް ވެކްސިން ތައާރަފު ކުރުމުގެ ކުރިންނާއި، ޑެލްޓާ އަދި އޮމިކްރޯން ވޭރިއަންޓާއެކު ބިންދާލި ރާޅުތަކުގެ ތެރޭގައިވެސް ސާމްޕަލް ނަގާފައިވެއެވެ.

ދިރާސާގެ ހޯދުންތަކަށް ބަލާއިރު ކޮވިޑް ޖެހުނު ކުދިންގެ ތެރެއިން 96 ޕަސެންޓް ކުދިންގެ ހަށިގަނޑުގައި 7 މަސް ވަންދެން ދައުރުވަމުން ދިޔަކަން ފާހަގަކޮށްފައިވެއެވެ.

ކަން މިހެން އޮތް ނަމަވެސް ބޮޑެތި މީހުންނަށް އޮތް އެންމެ ވަރުގަދަ ދިފާއަކީ ބަލިޖެހުމާއެކު ލިބޭ އެންޓޮބޮޑީޒްގެ އިތުރުން ވެކްސިން ކަމަށްވެސް ދިރާސާގައި ވަނީ ފާހަގަ ކޮށްފައެވެ.