އެމްޑަބްލިއުއެސްސީން ބ. ގޮއިދޫއާއި ރ. ކިނޮޅަހާއި ނ. މާޅެންދޫ އަދި ނ. ކުޑަފަރީގެ ފެނާއި ނަރުދަމާ މަޝްރޫގެ މަސައްކަތް ނިންމައި ކޮމިޝަން ކުރަން ފަށައިފިއެވެ.

އެމްޑަބްލިއުއެސްސީން ބުނީ، އެ ހަތަރު ރަށުގެ ތެރެއިން ނ. ކުޑަފަރިގެ ފެނާއި ނަރުދަމާ ނިޒާމް ކޮމިޝަންކުރުމުގެ މަސައްކަތްތައް ވަނީ ނިމިފައި ކަމަށެވެ. އަދި ރ. ކިނޮޅަހުގައި ކޮމިޝަން ކުރުމުގެ މަސައްކަތް ދަނީ ކުރަމުން ކަމަށާއި، ބ. ގޮއިދޫގެ ކޮމިޝަނިންގެ މަސައްކަތްތައް ފެށުމަށް ވަނީ ތައްޔާރު ވެފައި ކަމަށް އެ ކުންފުނިން ބުނެއެވެ.

މިރަށްތަކުގެ ކޮމިޝަންކުރުމުގެ މަސައްކަތް ކުރިޔަށް ގެންގޮސްފައި ވަނީ ޕަލޭނިން މިނިސްޓްރީ، ފެނަކަ ކޯޕަރޭޝަން އަދި އެމްޑަބްލިއުއެސްސީގެ ބޭފުޅުން އެރަށްތަކަށް ވަޑައިގެން ކަމަށާއި، އޭގެތެރެއިން އެ ރަށްރަށުގެ ފެނާއި ނަރުދަމާގެ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ އޮޕަރޭޓާސް ޓްރެނިން ޕްރޮގްރާމް ވެސް ވަނީ ހިންގާ ނިމިފައި ކަމަށް އެ ކުންފުނިން ބުނެއެވެ.

އެ ހަތަރު ރަށުގެ ފެނުގެ ނިޒާމް ގާއިމް ކުރުމުގެ މަސައްކަތުގެ ދަށުން، ފެން ހޮޅީގެ މައި ނެޓްވޯކް އަޅައި، އާރްއޯ ފެސިލިޓީ ބިލްޑިން އިމާރާތްކޮށް، ފެން އުފެއްދުމަށްޓަކައި އާރްއޯ ޕްލާންޓްއާއި އަދި ފެން ރައްކާ ކުރުމަށްޓަކައި ތާންގީ ބަހައްޓައި ވަނީ ނިމިފައެވެ. މީގެ އިތުރުން، ގޭގޭގައި ފެންމީޓަރު ބަހައްޓައި، ފެނުގެ ކަނެކްޝަން ވަނީ ގުޅައިދީފައި ކަމަށް ވެސް އެމްޑަބްލިއުއެސްސީން ބުނެއެވެ.

އެ ހަތަރު ރަށުގެ ނަރުދަމާ ނިޒާމް ގާއިމް ކުރުމުގެ މަސައްކަތުގެ ދަށުން، ނަރުދަމާ މައި ނެޓްވޯކްއާއި ޕަންޕިން ލައިން އަޅައި، ނަރުދަމާގެ އިދާރީ ބިލްޑިން އިމާރާތްކޮށް، ޕަންޕިން ސްޓޭޝަން ގާއިމްކޮށް އަދި ސީ އައުޓްފޯލް އަޅައި ވަނީ ނިމިފައެވެ. އަދި ގޭގޭގައި ޖަންކްޝަން ބަހައްޓައި، ނަރުދަމާގެ ކަނެކްޝަން ވަނީ ގުޅައި ދީފައެވެ. މީގެ އިތުރުން މި މަޝްރޫއުގެ ދަށުން ފެނާއި ނަރުދަމާ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނެރޭޓަރު ސެޓާއި ވެހިކަލް އަދި ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސާމާނު ވެސް ވަނީ ފޯރުކޮށް ދީފައެވެ.

އެ ރަށްތަކުގެ ފެނާއި ނަރުދަމާގެ މަޝްރޫއަކީ ޕްލޭނިން މިނިސްޓްރީގެ ފަރާތުން އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއު ތަކެކެވެ. މި މަޝްރޫއު ތަކުގެ ޖުމްލަ އަގަކީ 55.163 މިލިއަން ދިވެހި ރުފިޔާއެވެ.