މެޖިސްޓްރޭޓް ކޯޓުތަކުގައި ޖިނާއީ ދައުވާ އުފުލުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ކޯޓުތަކަށް ފޮނުވަންޖެހޭ ލިޔެކިއުންތައް ފޮނުވޭނެ އޮންލައިން ޕްލެޓްފޯމެއް ގާއިމްކޮށްފިއެވެ.

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ބުނީ، ޕީޖީ އޮފީހުން މެޖިސްޓްރޭޓް ކޯޓުތަކަށް ފޮނުވަންޖެހޭ ލިޔެކިއުންތައް ފޮނުވުމަށްޓަކައި ގާއިމްކުރި އޮންލައިން ޕްލެޓްފޯމްގެ ސަބަބުން ފަސޭހަކަމާއެކު ލިޔެކިއުންތައް ކޯޓުތަކަށް ފޮނުވޭނެ ކަމަށާއި، އެ ޕްލެޓްފޯމުން މިހާރު 187 ރަށެއްގެ މެޖިސްޓްރޭޓް ކޯޓުތައް ގުޅާލާފައިވާ ކަމަށެވެ.

އިއްޔެ ތައާރަފްކުރި މި ޕްލެޓްފޯމްގެ ސަބަބުން ވަގުތު ސަލާމަތްވެ، ޑީޖޭއޭގެ އިދާރީ މައްސަލަތަކަށް ހައްލު ލިބިގެން ދާނެ ކަމަށް، ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު އައިޝަތު ރިޒްނާ ވިދާޅުވިއެވެ.

"މިއީ ޖުޑިޝަރީން ފަށާފައިވާ ޑިޖިޓަލައިޒޭޝަން މަސައްކަތުގައި ހިމެނޭ މުހިއްމު އެއް ބައި. އިންޓަގްރޭޓެޑް ކޯޓު މެނޭޖްމަންޓް ސިސްޓަމްގެ މަސައްކަތް މުޅިން ނިމިގެން ދާއިރުޢަދުލު އިންސާފު ހޯދުމަށް ފަސޭހައިން ވާސިލުވެވޭ ތަންތަނަށް ކޯޓުތައް ވެގެން ދާނެ."
އައިޝަތު ރިޒްނާ / ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު

ޑީޖޭއޭއިން ބުނި ގޮތުގައި މި ޕްލެޓްފޯމްގެ ސަބަބުން ކަނޑައެޅިފައިވާ މުއްދަތުގައި ދައުވާ އުފުލުމާއި، ލިޔެކިޔުންތައް ފޮނުވުމުގައި ދިމާވާ ބައެއް އިދާރީ މައްސަލަތަކަށް ހައްލެއް ލިބިގެންދާނެއެވެ. މިމަހުގެ މެދުތެރޭ އެ ޕްލެޓްފޯމް ކްރިމިނަލް ކޯޓުގައިވެސް ބޭނުންކުރަން ފަށާފައިވެއެވެ.

ޑީޖޭއޭ އިން ބުނީ މި ޕްލެޓްފޯމް ބޭނުންކުރަމުންދާނީ އިންޓަގްރޭޓެޑް ކޯޓު މެނޭޖްމަންޓް ސިސްޓަމް ގާއިމްކުރެވެންދެން ކަމަށާއި، އިންޓަގްރޭޓެޑް ކޯޓު މެނޭޖްމަންޓް ސިސްޓަމް ނިމުމާއެކު އިލެކްޓްރޯނިކް ފައިލިން ތައާރަފްވެ މައްސަލަ ހުށަހެޅުމުގެ ކަންކަން އޮޓޮމޭޓް ވެގެންދާނެ ކަމަށެވެ.