ޕޮންޒީ ފަންޑު ހިންގާ ކަމަށް ތުހުމަތުކޮށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްހާން ފަހުމީގެ "ކިންގްސް ފޮރެކްސް ޓްރޭޑިން"ގެ މައްސަލަ އެމްއެމްއޭގައި ގާއިމްކޮށްފައިވާ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ)އިން އިއްޔެ ފުލުހުންނަށް ހުށަހަޅައިފިއެވެ.

މި މައްސަލަ ފުލުހަށް ފޮނުވިކަން ޔަގީންވި ނަމަވެސް އެފްއައިޔޫއިން ވަނީ ވަކި ވަކި ކޭސްތަކުގެ މައުލޫމާތުދޭން ދެކޮޅު ހަދާފައެވެ. އެ މައްސަލާގައި އަލްހާންގެ ކުންފުނީގެ އެކައުންޓްވެސް ފްރީޒް ކޮށްފައި ވެއެވެ.

ޕޮންޒީ ސްކީމަކީ ކުރު މުއްދަތެއްގައި ބޮޑު އަދަދަކަށް ފައިދާ ލިބޭނެ ކަމަށް ބުނެ މީހުންގެ އަތުން އިންވެސްޓު ކުރުމުގެ ނަމުގައި ފައިސާ ހޯދުމަށް ކުރާ ކަމެކެވެ. މިފަދަ ސްކީމްތަކުގައި ފައިސާ ދެނީ އަލަށް ބައިވެރިވާ މީހުން ދޭ ފައިސާއިންނެވެ.

އެކައުންޓް ފްރީޒް ކުރިކަން ހާމަކޮށް އަލްހާން ކުންފުނި، ކިންގްސް ފޮރެކްސްގެ ޓެލެގްރާމް ގްރޫޕުގައި ނެރުނު ބަޔާނެއްގައި ބުނީ އެކަން ކުރި ވަކި ސަބަބެއް ބީއެމްއެލުން އަންގައިފައި ނުވާ ކަމަށާއި އެކައުންޓް ފްރީޒް ކުރި ނަމަވެސް މިއަދާ ހަމައަށް ދޭން ޖެހޭ ހުރިހާ ފައިސާއެއް ދީ ނިމިފައިވާ ކަމަށެވެ. އެ ޓެލެގްރާމް ގްރޫޕުގައި މިހާރުވެސް 8000 އެއްހާ މެންބަރުން އެބަތިއްބެއެވެ. އޭގެ ތެރެއިން ބައެއް މީހުން ޓްރޭޑް ކޮށް ލާރި ލިބިފައިވާ ކަމަށް ބުނެފައިވެސް ވެއެވެ.

އެ ކުންފުނިން ވަނީ ބީއެމްއެލުން ކުއްލިއަކަށް އެޅި ފިޔަވަޅާ ގުޅިގެން ލިބޭ ގެއްލުމުގެ ސަބަބުން ބީއެމްއެލް އަށް ދައުވާކުރާނެ ކަމަށް ވެސް ބުނެފައެވެ.