ރާއްޖޭގެ ގިނަ ރަށްރަށުގައި ފުލުހުންގެ ހިދުމަތް ގާއިމްވެފައިވާއިރު، އަމިއްލަ ސްޓޭޝަންތައް ނެތުމަކީ ފުލުހުންގެ މަސައްކަތްތަކަށް ދިމާވެފައިވާ ގޮންޖެހުމެއް ކަމަށް، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ތިމަރަފުށި ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން އިމްރާން ވިދާޅުވީ، ވަކި މުއައްސަސާއެއްގެ ގޮތުގައި ފުލުހުންނާއި ސިފައިން މަސައްކަތްކުރާތާ 17 އަހަރު ވެފައިވީ ނަމަވެސް، 111 ރަށުގައި ފުލުހުން ގާއިމްވެ ތިބިއިރު، އަމިއްލަ ސްޓޭޝަންތަކުގެ ގޮތުގައި އެންމެ 17 ސްޓޭޝަން ކަމަށެވެ.
"މީގެ ސަބަބުން ފުލުހުންގެ މަސައްކަތަށް ވަރަށް ގިނަ ދަތިތަކެއް ގޮންޖެހުންތަކެއް ކުރިމަތިވޭ." އިމްރާން ވިދާޅުވިއެވެ.
އެހެންކަމުން، ފުލުހުންގެ އަމިއްލަ ސްޓޭޝަންތައް ރަށްރަށުގައި ގާއިމްކުރުމަށްޓަކައި ސަރުކާރުން މަސައްކަތްކޮށްފައިވާ ކަމަށާއި، އެ މަޝްރޫއުގެ އަމަލީ މަސައްކަތްތައް އަންނަ މަހު ފެށޭވަރު ވާނެ ކަމަށް އިމްރާން ވިދާޅުވިއެވެ. ނަމަވެސް، އެ މަޝްރޫއު ފަށްޓަވާނެ ސީދާ ތާރީހެއް ދަންނަވަން ނޭނގޭ ކަމަށް އޭނާ ވިދާޅުވިއެވެ.
އިމްރާން ވިދާޅުވި ގޮތުގައި އެ މަޝްރޫއުގެ ދަށުން 61 ރަށެއްގައި ފުލުހުންގެ އަމިއްލަ ސްޓޭޝަންތައް ގާއިމްކުރާނެއެވެ. އޭގެ ތެރޭގައި ތިމަރަފުށި ހިމެނޭކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.
އެ މަޝްރޫއު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ރީޖަންތަކަކަށް ބަހާލައިގެން ކައިރި އަތޮޅުތަކުގައި އެއްކޮށް މަސައްކަތް ފަށައިގެން ކުރިއަށް ގެންދާ ގޮތަށް ކަމަށާއި، މި އަހަރު ނިމުމުގެ ކުރިން އެ މަޝްރޫއުގެ އަމަލީ މަސައްކަތްތައް ފަށައި އަންނަ އަހަރު ނިމުމުގެ ކުރިން އެ މަޝްރޫއުގެ 80 ޕަސެންޓު މަސައްކަތް ނިމޭނެ ކަމަށް އިމްރާން ވިދާޅުވިއެވެ.
އާންމުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގެ ގޮތުން އާންމުން ދިރިއުލޭ ހުރިހާ ރަށެއްގައި ފުލުހުންގެ ހިދުމަތް ގާއިމްކުރުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވައުދުފުޅެކެވެ.