ކޮވިޑް19 ގެ ހާލަތުގައި ސިފައިން ކުރި މަސައްކަތުގެ އަގުވަޒަންކޮށް ހާއްސަ މެޑަލެއް ދިނުމަށް ނިންމައިފިއެވެ.

އެމްއެންޑީއެފުން ބުނީ ސިފައިންނަށް ދިނުމަށް ނިންމާފައިވަނީ "އިންސާނީ ހިދުމަތުގެ މެޑެލި-ކޮވިޑް19" ކަމަށެވެ.

މި މެޑަލް ދިނުމަށް ނިންމާފައިވަނީ ކޮވިޑް 19 ގެ ހާލަތުގައި ސިފައިން ކުރި މިންނެތް މަސައްކަތާއި ދިވެހި ގައުމާއި ރައްޔިތުންނަށް ކޮށްދިން އިހްލާސްތެރި ހިދުމަތުގެ އަގުވަޒަން ކުރުމުގެ ގޮތުން ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

ސިފައިން ކުރި ބުރަ މަސައްކަތުގެ އަގު ވަޒަން ކުރުމަށް ނިންމާފައިވަނީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއެވެ.

ކޮވިޑްގެ ސަބަބުން ރާއްޖެ ލޮކްޑައުން ކުރުމުގެ ގޮތުން ސިފައިން ވަނީ އާންމުންނަށް އެކި ގޮތް ގޮތުން އެހީތެރިކަން ފޯރުކޮށްދީފައެވެ. އެގޮތުން ކޮވިޑް ފެސިލިޓީތަކަށް ލޮޖިސްޓިކްސް ސަޕޯޓު ދިނުމާއި، ބަލި މީހުން އެއްތަނުން އަނެއް ތަނަށް އުފުލުގައި އެހީތެރިކަން ދިނުން ހިމެނެއެވެ. އަދި މާލެގައި ހުންނަ އެމްއެންޑީއެފް ސެނެހިޔާ ހޮސްޕިޓަލުން ކޮވިޑް ބައްޔަށް ޓެސްޓް ކުރުމާއި ފްލޫ ކްލިނިކެއްގެ ގޮތުގެ އިތުރުން ވެކްސިން ސެންޓަރެއްގެ ގޮތުގައިވެސް އާއްމުންނަށް ވަނީ ގިނަ ހިދުމަތްތަކެއް ފޯރުކޮށްދީފައެވެ.