ކ. ގުރައިދޫގައި ހިންގާ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ތިބޭ ބަލި މީހުން ބެލުމަށް ނަފްސާނީ ބަލީގެ ހާއްސަ ދެ ޑޮކްޓަރުން ހޯދަން މަސައްކަތް ކުރަމުންދާ ކަމަށް ޖެންޑާ މިނިސްޓރީން ބުނެފިއެވެ.

ޖެންޑާ މިނިސްޓްރީން މިހެން ބުނެފައި ވަނީ، ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމްގެ ފަރާތުން މި މަހުގެ 6 އިން 8 ވަނަ ދުވަހުގެ ނިޔަލަށް ކުރި 14 ވަނަ މޮނިޓަރިން ޒިޔާރަތުގައި ފާހަގަކުރެވުނު ކަންތައްތަކުގެ ތެރެއިން އެޗްއާރްސީއެމުން ކަންބޮޑުވާ ކަންތައްތައް މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އަދި ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ އިސްފަރާތްތަކުގެ ސަމާލުކަމަށް ގެނެސް ބޭއްވި ބައްދަލުވުމުގެ ތެރެއިންނެވެ.

އެޗްއާރްސީއެމުން ބުނީ، ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް 2013 ވަނަ އަހަރު އެ ކޮމިޝަނުން ކުރި ޒިޔާރަތާ ގުޅިގެން، ނަފްސާނީ ބަލިތަކަށް ހާއްސަ ޑޮކްޓަރެއް ނުވަތަ ނަފްސާނީ ބަލިތަކަށް ހާއްސަ ނަރުހެއްގެ ހިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ހުށަހަޅާފައިވީ ނަމަވެސް، 2021 ވަނަ އަހަރު ކުރި ޒިޔާރަތުގައި އެކަން ކޮށްފައި ނުވާ ކަމަށް ފާހަގަ ކުރެވުނު ކަމަށެވެ. މިދިޔަ ޑިސެމްބަރު މަހު ސެންޓާ ފޯ މެންޓަލް ހެލްތްގެ ޑޮކްޓަރުން އެ މަރުކަޒަށް ޒިޔާރަތް ކޮށް އެތަނުގައި ތިބި 20 މީހަކަށް ފަރުވާ ދީފައިވާ ކަން ފާހަގަ ކުރަމުން އެ ޗްއާރްސީއެމުން ބުނީ، 2022 ގައި އެ މަރުކަޒަށް ދިއުމުން އަދިވެސް ނަފްސާނީ ޑޮކްޓަރުންގެ ފަރުވާ ބޭނުންވާ އިތުރު މީހުން އެބަ ތިބި ކަމަށެވެ.

އައިޖީއެމްއެޗްގެ ސެންޓާ ފޯ މެންޓަލް ހެލްތުން ކޮންމެ މަހަކު އެ މަރުކަޒަށް ޒިޔާރަތް ކުރުމަށް އެދިފައިވީ ނަމަވެސް އެއީ ދަތިކަމެއް ކަމުން ދެމަހުން އެއްމަހު އެ ޑޮކްޓަރުން މަރުކަޒަށް ޒިޔާރަތް ކުރުމަށް ލަފާ ދިން ކަމަށް އެޗްއާރްސީއެމުން ބުނެއެވެ. ނަމަވެސް މިދިޔަ ޑިސެމްބަރު މަހުގެ ފަހުން އަދި މިހާތަނަށް އެ މަރުކަޒަށް އައިޖީއެމްއެޗްގެ ޑޮކްޓަރުން ޒިޔާރަތް ނުކުރާ ކަމަށް އެ މަރުކަޒުން ބުނެފައިވާ ކަމަށް އެ ކޮމިޝަނުން ބުނެއެވެ. އެހެންކަމުން މިކަން ދައުލަތުގެ މުއައްސަސާތކުގެ ސަމާލުކަމަށް ގެނެފައިވާ ކަމަށް އެޗްއާރްސީއެމުން ބުނެއެވެ.

އެގޮތުން ިމި މައްސަލަ ހައްލުކުރުމަށްޓަކައި ޖެންޑާ މިނިސްޓްރީ އާއި ހެލްތް މިނިސްޓްރީ ގުޅިގެން، ރާއްޖެއިން ބޭރުން ނަފްސާނީ ބަލިތަކަށް ހާއްސަ ދެ ޑޮކްޓަރުން ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފައިވާ ކަމަށް އެޗްއާރްސީއެމުން ބުނެއެވެ. ހަމައެއާއެކު މީގެ އިތުރުން ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު ހިންގުމުގައި އަމަލު ކުރާނެ ގޮތުގެ އުސީލެއް ނުވަތަ ގަވާއިދެއް އެކުލަވާލެވިފައި ނުވާތީ، މިހާރު އެސްއޯޕީތައް ރިވިއު ކުރަމުން ދާ ކަމަށް ވެސް ޖެންޑާ މިނިސްތްރީން ބުނެފައިވާ ކަމަށް އެ ކޮމިޝަނުން ބުނެއެވެ.

މީގެ އިތުރުން މަރުކަޒުން ފަރުވާ ހޯދަމުންދާ ބަލި މީހުންގެ އަދަދާ އަޅާ ބަލާއިރު، ކެއާ ވޯކަރުންގެ އަދަދު މަދު ކަމާއި، ބަލިމީހުން ބެލެހެއްޓުމަށް ބައެއް ވޯޑުތަކުގައި ޝިފްޓެއްގައި 1 ނުވަތަ 2 ކެއާ ވޯކަރުން އެކަނި މަސައްކަތް ކުރަން ޖެހޭ ކަން މަރުކަޒުން ފާހަގަކޮށްފައިވާ ކަމަށް އެކޮމިޝަނުން ބުނެއެވެ. މިކަމާ ގުޅިގެން ބަލި މީހުން ބަލަހައްޓާ މުވައްޒަފުން އިތުރުކުރުމަށް 2008 ވަނަ އަހަރުން ފެށިގެން އެކި ފަހަރުމަތިން އެދިފައިވާ ކަމަށް ވެސް އެކޮމިޝަނުން ބުނެއެވެ. މި މައްސަލައާ ގުޅިގެން ޖެންޑާ މިނިސްޓްރީން ބުނީ، އިތުރު ކެއާވޯކަރުން ނެގުމުގެ މަސައްކަތް މިހާރު ކުރިއަށް ދާ ކަމަށެވެ.