ގެއެއްގެ ރުކަކުން ވަގަށް 12 ކުރުނބާ އެޅި މީހަކު 2 މަހަށް ޖަލަށްލާ، 331 ގަޑިއިރު މުޖްތަމައުއަށް ހިދުމަތްކުރަން އަންގާ ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.

ކްރިމިނަލް ކޯޓުން މިއަދު ކުރި ހުކުމުގައި ބުނީ އެ ހުކުމްކުރީ ޏ. ފުވައްމުލަކު/ ދިގުވާނޑު ނޫމުތީ ގޭގައި ހުރި 2 ރުކަކުން އެ ރަށު ލިލީވިލާ އަހުމަދު އަބްދުﷲ އޮކްޓޯބަރު 10، 2021 ވަނަ ދުވަހުގެ 10:30 ހާއިރު 12 ކުރުނބާ ވަގަށް ނަގައިފައި (އަޅާފައި) ވާތީ ކަމަށެވެ.

އަހުމަދުގެ ބަންދު މުއްދަތު މަޖިލީހާއި އިބްތިދާއީ މަރުހަލާގައި އޭނާ އެކަމަށް އެއްބަސްވުމުން ކޯޓުގެ ގިނަ ވަގުތުތަކެއް ސަލާމަތް ކުރެވިފައި ވާތީ އެ ކުށުގެ އަދަބު ލުއިކޮށްދިނުމަށްވެސް ކޯޓުން ބެލިއެވެ. އެހެންނަމަވެސް ކުށްކުރި ތާރީހުން ފެށިގެން 2 އަހަރު ތެރޭގައި އެފަދަ ކުށެއް ކޮށްފައި ވާތީ އެ ކުށުގެ އަދަބު ލުއިކޮށްދީފައެއް ނުވެއެވެ.

އެ ކުށުގެ އަދަބެއްގެ ގޮތުގައި 2 މަހާއި 12 ދުވަހަށް ޖަލަށްލުމާއި 331 ގަޑިއިރު މުޖްތަމައުއަށް ހިދުމަތް ކުރުން ކަމަށް ވަނީ ކަނޑައަޅާފައެވެ. އެހެންނަމަވެސް އަހުމަދު 9 ދުވަހާއި 21 ގަޑިއިރާއި 18 މިނެޓް ބަންދުގައި ހޭދަކޮށްފައި ވާތީ ދެން ޖަލު ހުކުމް ތަންފީޒު ކުރަން ޖެހޭނީ 2 މަހާއި 2 ދުވަސްކަމަށް ވަނީ ކަނޑައަޅާފައެވެ.