މި މަހުގެ 14 ވަނަ ދުވަހު ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނުގައި އަތުލައިގެން 12 ކިލޯގެ މަސްތުވާތަކެއްޗާ ގުޅިގެން ހައްޔަރުކުރި މީހުންގެ ކުށުގެ ރިކޯޑްތަކެއް އޮތް ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ވަނީ ކަނޑުމަގުން ދިވެހި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ޑިޕާޓްމަންޓާއި ޑްރަގް އެންފޯސްމަންޓު އަދި މެރިން ޕޮލިސް ގުޅިގެން ހިންގި އޮޕަރޭޝަނުގައި 12.6 ކިލޯގެ މަސްތުވާތަކެއްޗާއެކު ތިން މީހަކު ހައްޔަރުކޮށްފައެވެ. އަދި އެ މީހުންގެ ވަނަވަރު ފުލުހުން މިއަދު ވަނީ އާއްމުކޮށްފައެވެ.

12 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރުކުރި މީހުން:

  • މުހައްމަދު އަބްދުއްލަތީފް (30އ) ، މަރިޔާޒް/ ނ. ވެލިދޫ
  • ސްމޭޝް ކޭއޭ ކްރިޝްޓަން ކުޓީ (37 އ) ، އިންޑިއާގެ ރައްޔިތެއް
  • ކަވްސަރު އަލަމް (30އ) ، ބަންގްލަދޭޝްގެ ރައްޔިތެއް

ފުލުހުން ބުނީ އެ އޮޕަރޭޝަނުގައި މާލޭގެ ގެއަކާއި ހުޅުމާލޭގެ ގެސްޓު ހައުސްއެއްގެ އިތުރުން ލޯންޗެއް ބަލާ ފާސްކޮށްފައިވާ ކަމަށެވެ.

މައްސަލައާ ގުޅިގެން ހައްޔަރުކުރި މުހައްމަދު އަބްދުއްލަތީފަށް ވަނީ 10 ދުވަހުގެ މުއްދަތެއް ޖަހާފައެވެ. އަދި ސްމޭޝް ކޭއޭ ކްރިޝްޓަން ކުޓީއާއި ކަވްސަރު އަލަމް ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތެއް ކްރިމިނަލް ކޯޓުން ވަނީ ޖަހާފައެވެ.

ފުލުހުން ބުނި އެ މައްސަލައިގައި ހައްޔަރުކުރި މީހުންގެ ތެރެއިން މިކަމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވިކަމަށް ބެލެވޭ ސްމޭޝް ކޭއޭ ކްރިޝްޓަން ކުޓީއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ މީހެއް ކަމަށާއި އޭނާއަކީ މީގެކުރިން ވެސް މަސްތުވާތަކެއްޗާއި ބަނގުރާގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ބަނގުރާއާއެކު ހައްޔަރުކޮށްފައިވަނިކޮށް ކޯޓުން ދޫކޮށްލާފައިވާ މީހެއް ކަމަށެވެ. އަދި އެ މައްސަލަ މިހާރު ކޯޓުގައި އޮތް ކަމަށް ފުލުހުން ބުނެއެވެ. މީގެ އިތުރުން ފުލުހުން ވަނީ އެ މީހާއަކީ މަސްތުވާތަކެއްޗާއި މާރާމާރީގެ ކުށުގެ ރެކޯޑު އޮންނަ މީހެއް ކަމަށްވެސް ބުނެފައެވެ.

ފުލުހުން ބުނީ މުހައްމަދު އަބްދުއްލަތީފަކީ ވެސް ވައްކަމާއި މާރާމާރީއާއި މަސްތުވާތަކެތީގެ ރެކޯޑު އޮންނަ މީހެއް ކަަމަށާއި މި މައްސަލަ ފުލުހުން އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.