ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ހާންގެ ސަރުކާރުގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓަކަށް އެހުމަށް އެގައުމުގެ ގާނޫނު ހަދާ މަޖިލީހުން ތައްޔާރު ވަމުން ދާ މި ދަނޑިވަޅުގައި، ޕާކިސްތާނުގައި ހަމަނުޖެހުން ހިންގާފާނެކަމުގެ ބިރު އެބައޮތް ކަމަށް އިންސާނީ ހައްގުތަކަށް ވާކާލާތު ކުރާ ބައިނަލްއަގުވާމީ ޖަމިއްޔާ، ހިއުމަން ރައިޓްސް ވޮޗް (އެޗްއާރްޑަބްލިއު) އިން ބުނެފިއެވެ.

ޕާކިސްތާނުގެ މަސްރަހާ ގުޅިގެން ހިއުމަން ރައިޓްސް ވޮޗްއިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ޕާކިސްތާނުގެ ޑިމޮކްރަޓިކް މުއައްސަސާތަކަށް އާ ނުރައްކާތަކެއް ކުރިމަތިވެފައި ވާ ކަމަށެވެ. ހަމަ މިއާއެކު އެ ޖަމިއްޔާއިންވަނީ ހަމަނުޖެހުން ހިންގުމުން އެއްކިބާވުމަށް ސަޕޯޓަރުންނަށް ގޮވާލުމަށް، ޕާކިސްތާނުގެ ސަރުކާރަށާއި އިދިކޮޅު ފަރާތްތަކަށް ގޮވާލާފައެވެ.

ޕާކިސްތާނުގެ ސަރުކާރު ހިންގުމުގެ އިތުރުން އިގުތިސޯދާއި ހާރިޖީ ސިޔާސަތުތަކާ ގުޅުން ހުރި ކަންކަން އެންމެ ފުރިހަމަ ގޮތުގައި ހިންގެވުމަށް އިމްރާން ހާން ފެއިލްވެވަޑައިގެންފައި ވާ ކަމަށް ބުނެ، އެތައް ހާސް ބަޔަކު ވަނީ ޕާކިސްތާނުގެ މަގުތަކަށް ނިކުމެފައެވެ. ޕާކިސްތާނުގެ އިދިކޮޅު ފަރާތްތަކުން، އިމްރާންގެ އިތުބާރު ނެތް ކަމުގެ ވޯޓަކަށް މަސައްކަތް ފެށި އެ ރެލީއަށް ފަހުގައެވެ.

ޕާކިސްތާނުގެ އެއްވެސް ބޮޑުވަޒީރަކަށް، އެ ބޭފުޅެއްގެ ވެރިކަމުގެ ދައުރު ފުރިހަމަ ކުރެއްވިފައެއް ނުވެއެވެ.

ޕާކިސްތާނުގެ ގާނުނު ހަދާ މަޖިލީހުގެ ތިރިގޭގައި އިދިކޮޅު ފަރާތްތަކުން ކޮންޓްރޯލް ކުރަނީ އެކު ޖުމުލަ 163 ގޮނޑިއެއް ކަމަށް ވާއިރު، އިތުބާރު ނެތް ކަމުގެ ވޯޓައިގެން ކުރިއަށް ދިއުމަށް، މެޖޯރިޓީ ކަމުގައި ވާ 172 ވޯޓު ބޭނުންވާނެއެވެ.

ކަން މިހެން އޮތް އިރު، އިތުބާރު ނެތް ކަމުގެ ވޯޓުގައި، އިމްރާންގެ ކޯލިޝަންގެ ބައެއް ބައިވެރިންވެސް އޭނާއަށް ގެއްލުމުގެ ބިރު އެބައޮތް ކަމަށް، ޕާކިސްތާނުގައި ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ 4 ޕާޓީގެ ތެރެއިން 1 ޕާޓީގެ ލީޑަރަކު ވިދާޅުވި ކަމަށް ހަބަރު ލިބެއެވެ.