ކީރިތި ގުރުއާން ކިޔެވުމުގެ ގައުމީ މުބާރާތުގެ މުޅި މުބާރާތުން އެއްވަނަ، ހަނާން ހުސައިން ޝަރީފާއި، އާޔަން އަހްމަދު އިނާން ހާސިލްކޮށްފިއެވެ.

ކޮވިޑާ ގުޅިގެން މިދިޔަ އަހަރު ވާޗުއަލްކޮށް ބޭއްވި 34 ވަނަ ގައުމީ މުބާރާތުގައި ހަ އުމުރުފުރައިން ތިން ކެޓަގަރީއަކުން ބައިވެރިން ކިޔަވާފައިވެއެވެ. އެއީ ބަލައިގެން ކިޔެވުމުގެ ބަޔާއި، ހިތުން ކިޔެވުމުގެ ބަޔާއި، ހާފިޒުންގެ ބައެވެ. މި މުބާރާތް ބާއްވާފައިވަނީ ވާޗުއަލްކޮށް ކަމުން، ބޭރުގައި ދިރިއުޅޭ ދިވެހިންނަށްވެސް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އޮތެވެ.

34 ވަނަ ގައުމީ ގުރުއާން މުބާރާތުން އެއްވަނަ ލިބުނު އާޔަން އަހްމަދު އިނާނަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ތަށި ހަވާލުކޮށްދެއްވަނީ. އާޔަން އާ އެކު ދެން އެއްވަނަ އަށް ދިޔައީ ހަނާން / ފޮޓޯ: ރައީސް އޮފީސް

މި މުބާރާތުގައި ބައިވެރިން ތަމްސީލްކޮށްފައިވަނީ އަތޮޅު ކައުންސިލްތަކާއި ސްކޫލްތަކުގެ އިތުރުން، އެކި ޖަމިއްޔާތަކާއި ގުރުއާން ކްލާސްތަކާއި މުއައްސަސާތަކެވެ. އެގޮތުން ޖުމްލަ 98 މުއައްސަސާއަކުން 1،700 އަށް ވުރެ ގިނަ ބައިވެރިން ކިޔަވާފައިވެއެވެ.

ގުރުއާން މުބާރާތުގައި ކިޔެވި ދަރިވަރުންގެ ތެރެއިން މުޅި މުބާރާތުން އެއްވަނައަށް ހޮވުނު ބައިވެރިންނާއި މުއައްސަސާއަށް ރައީސް ދެއްވާ ހާއްސަ އިނާމް ހަވާލުކޮށްދެއްވާފައިވަނީ ޖަލްސާގެ ޝަރަފުވެރި މެހެމާނު، ރައީސް އިބްރާހީމް މުހައްމަދު ސޯލިހެވެ. މިގޮތުން މުޅި މުބާރާތުން އެއްވަނައަށް ގޮސްފައިވަނީ:

  • ބަލައިގެން ކިޔެވުމުގެ ބައި: ހަނާން ހުސައިން ޝަރީފް، އާޔަން އަހްމަދު އިނާން
  • ހިތުން ކިޔެވުމުގެ ބައި: ފާތިމަތު ޝާހާ ޒާހިރު
  • ހާފިޒްކަމުގެ ގޮފި: ފާތިމަތު ޝާހާ ޒާހިރު
  • މުޅި މުބާރާތުން އެއްވަނަ: ހަނާން ހުސައިން ޝަރީފް، އާޔަން އަހްމަދު އިނާން
  • މުޅި މުބާރާތުން އެއްވަނަ މުއައްސަސާ: ފ. އަތޮޅު ކައުންސިލް
34 ވަނަ ގައުމީ ގުރުއާން މުބާރާތުން އެއްވަނަ ލިބުނު ހަނާން ހުސައިން ޝަރީފަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ތަށި ހަވާލުކޮށްދެއްވަނީ / ފޮޓޯ: ރައީސް އޮފީސް

1986 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ބާއްވަމުން އަންނަ ގައުމީ ގުރުއާން މުބާރާތް ބާއްވަނީ ބައިވެރިންނާއި އަޑުއެހުންތެރިންގެ ހިތްތަކުގައި ޤުރުއާނާ މެދު ޝައުގުވެރިކަން އުފައްދައި، ޤުރުއާނާ މެދު އޮންނަ ލޯބި އާލާކުރުމާއި، ޤުރުއާނުގެ ސަބަބުން އަގީދާ ވަރުގަދަކުރުމުގެ ގޮތުންނެވެ. ކޮންމެ އަހަރަކު މުބާރާތް ބާއްވަމުން އައި ނަމަވެސް، ކޮވިޑް-19 ގެ ސަބަބުން 2020 ގައި މުބާރާތް ނުބޭއްވި ދިޔައެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މިއީ ރާއްޖޭގައި މިހާތަނަށް ބޭއްވި އެންމެ ބޮޑު އެއް މުބާރާތް ކަމަށެވެ. އެގޮތުން މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލި ފުރުސަތުގައި 4،000 އަށް ވުރެ ގިނަ ބައިވެރިން އޮޑިޝަންގައި ކިޔަވާފައިވެއެވެ. އޭގެ ތެރެއިން މުބާރާތުގައި ކިޔަވާފައިވަނީ 1،700 ދަރިވަރުންނެވެ.