ބޭރުގެ ކުންފުނިތަކުން ކޮމާޝަލް ފެންވަރުގައި އޮޕަރޭޓް ކުރާ އެތައް ސަތޭކަ މަތިންދާބޯޓެއް، އެ ގައުމުގެ ބާރުގެ ދަށަށް ގެންދިއުމުގެ މަސައްކަތް، ރަޝިއާއިން ކުރަމުން ދާ ކަމަށް ހަބަރު ލިބިއްޖެއެވެ.

ޔޫކްރައިންއަށް އަރާ، ކުރަމުންދާ ހަނގުރާމައާ ގުޅިގެން ބައިނަލްއަގުވާމީ ފެންވަރުގައި ރަޝިއާއާ ދެކޮޅަށ، ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތަކެއް ތަންފީޒު ކުރަމުންދާ މި ދަނޑިވަޅުގައި، ރަޝިއާގެ ކޮންޓްރޯލްގެ ދަށަށް ގެންދަނީ އެމެރިކާއާއި ވިލާތުގެ ލީޒިންގެ ކުންފުނިތަކުން ކޮމާޝަލް ފެންވަރުގައި އޮޕަރޭޓް ކުރާ މަތިންދާބޯޓުތައް ކަމަށް މައުލޫމާތު ލިބެއެވެ.

ރަޝިއާ ސަރުކާރުން އާންމު ކުރި ބަޔާނެއްގައި ބުނެފައި ވަނީ ބޭރުގެ ލީޒިންގް ކުންފުނިތަކުން ދޫކޮށްފައިވާ މަތިންދާބޯޓުތަކަށް ރަޝިއާގެ އެއާވާދިނަސް ލޯކަލް ސެޓިފިކޭޝަން ދޫކުރުމުގެ ހުއްދަ، ރަޝިއާގެ އެއާލައިންތަކަށް މަގުފަހި ވާ ގޮތަށް، ރައީސް ވްލޭޑްމިއާ ޕޫޓިން، ގާނޫނެއްގައި ސޮއި ކުރައްވާފައި ވާ ކަމަށެވެ.

މިއާއެކު ބޭރުގެ ކުންފުނިތަކުން ކުއްޔަށް ނަގާފައިވާ މަތިންދާބޯޓުތައް ރަޝިއާގެ އެއާލައިންތަކުން، އެތެރޭގެ އުދުހުންތަކުގައި އޮޕަރޭޓް ކުރުމުގެ ފުރުސަތު އޮންނާނެއެވެ. އަދި ރަޝިއާގެ ސަރުކާރުގެ ރުހުމަކާ ނުލާ، އެ ބޯޓުތައް އަނބުރާ ގެންދިއުންވެސް ބޭރުގެ ކުންފުނިތަކަށް ވާނީ ތަކުލީފަކަށް ކަމަށް މައުލޫމާތު ލިބެއެވެ.

އެމެރިކާއާއި ވިލާތުން ރަޝިއާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ތެރޭގައި، ރަޝިއާއަށް މަތިންދާބޯޓުތައް ކުއްޔަށް ދޫކޮށްފައި ވާ ކުންފުނިތަކުން، މިމަހުގެ ނިޔަލަށް އެ ބޯޓުތައް އަނބުރާ ގެނައުމަށް ކަނޑައަޅާފައިވެއެވެ.

މަތިންދާބޯޓު އުފައްދާ ހުޅަނގުގެ ކުންފުނިތައް ކަމަށްވާ އެއާބަސްއާއި ބޮއިންގްއިން ވަނީ ރަޝިއާގެ އެއާލައިންތަކާއެކު ހަދާފައިވާ ސްޕެއާޕާޓް ހޯދުމުގެ އެއްބަސްވުންތައް ބާތިލު ކޮށްފައެވެ. މި ސްޕެއާޕާޓްތަކަކީ ރައްކާތެރިކަމާއެކު ދަތުރުފަތުރު ކުރުމަށް ކޮންމެހެން ބޭނުންވާ ތަކެއްޗެވެ. މައުލޫމާތު ލިބޭ ގޮތުގައި ރަޝިއާގެ އެއާލައިންތަކުން، 305 އެއާބަސް އަދި 322 ބޮއިންގް މަރުކާގެ މަތިންދާބޯޓު ބޭނުން ކުރެއެވެ.

މީގެ އިތުރުން، ބޮމްބާޑީއާއާއި އޭޓީއާރް ފަދަ މަރުކާތަކުގެ 83 ބޯޓެއް، ސަރަހައްދީ އުދުހުންތަކުގައި ބޭނުން ކުރެއެވެ. ރަޝިއާގެ އެއާލައިންތަކުގައި ބޭނުން ކުރާ އެގައުމުގެ އަމިއްލަ އުފެއްދުންތަކުގެ އަދަދަކީ 144 އެވެ.

ރަޝިއާގައި އޮޕަރޭޓް ކުރާ ބޭރުގެ މަތިންދާބޯޓުތަކުގެ ތެރެއިން 85 ޕަސެންޓް ބޯޓަކީ ލީޒިންގް ކުންފުނިތަކުގެ ބޯޓުތަކެވެ. ރަޝިއާގެ ފަސްގަނޑުގައި މި ބޯޓުތައް ވަނިކޮށް، ލީޒިންގް ކުންފުނިތަކަށް، ބޯޓުގެ ކޮންޓްރޯލް އަލުން ހޯދިދާނެ ގޮތަކާ މެދު މިހާރު ވަނީ ސުވާލު އުފެދިފައެވެ.