ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށްގެން ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ކުރިޔަށްދާ ތަހުގީގާއި އެންމެހާ ކޯޓު މަރުހަލާތައް ގާތުން ބެއްލެވުމަށްޓަކައި ރައީސްގެ ހާއްސަ މަންދޫބެއްގެ ގޮތުން ހަމަޖައްސާފައިވާ އާއްބާސް ފާއިޒް، ރައީސް ނަޝީދާ ބައްދަލު ކުރައްވައިފިއެވެ.
ޓެރަރިސްޓް ހަމަލާއާ ގުޅިގެން ހަމަޖެއްސި ރައީސްގެ ހާއްސަ މަންދޫބު އައްބާސް ރައީސް ނަޝީދާ ބައްދަލުކުރައްވާފައި ވާކަން ހާމަކޮށްފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ އިދާރާއިންނެވެ. ނަމަވެސް އެ ބައްދަލުވުމާ ގުޅޭ އިތުރު އެއްވެސް ތަފްސީލެއް އެ އިދާރާއިން ހިއްސާ ކޮށްފައެއް ނުވެއެވެ.
ރައީސް ނަޝީދާއި އައްބާސް ބައްދަލު ކުރެއްވި އިރު ދާދި ފަހުން އައްބާސް ވަނީ ރައީސް ނަޝިދުގެ މައްސަލަ ކުރިއަށް ގެންދިއުމުގެ ކަންކަން ލސް ވަމުންދާތީ އެކަމުގެ ކަންބިޑުވުން ފާޅު ކުރައްވާފައެވެ. އެގޮތުން ހައްޔަރު ކޮށްފައި ތިބި މީހުންނަށް ދައުވާ ކުރިތާ މަސްތަކެއް ފާއިތުވެފައިވާ ކަން ފާހަގަ ކުރައްވާ އެތަނުން އެކަކުގެ ޝަރީއަތް ފަށާފައިވާ ކަން އައްބާސް ވަނީ ފާހަގަ ކުރައްވާފައެވެ.
މި މައްސަލައިގެ ތަހުގީގީ މަރުހަލާތައް ކުރިއަށް ދިޔަ އިރު އައްބާސް ވަނީ މައްސަލަ ތަހުގީގު ކުރާ ޓީމަށް ތައުރީފް ކުރައްވާފައެވެ. އޭނާ ވިދާޅުވެފައި ވަނީ، މުޅި މައްސަލައަށް ބަލައިގެން ތަހުގީގު ހިންގަމުންދާ ކަމަށާއި ފުލުހުން މައްސަލަ ތަހުގީގު ކުރަމުން ދަނީ ފަރުވާތެރި ކަމާ އެކުގައި ކަމަށެވެ. ފުލުހުންނާއި ޕްރޮސެކިއުޓަރުގެ މަސައްކަތާ އެކު ކޯޓްގައި ވަރުގަދަ ދައުވާއެއް އުފުލޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް އައްބާސް ވިދާޅުވެފައި ވެއެވެ.
މި މައްސަލާގައި ހުކުމް ކޮށްފައި ވަނީ ވ. ތިނަދޫ، ހިޔާ، އަދުހަމް އަހުމަދު ރަޝީދަށް އެކަންޏެވެ. އަދުހަމްގެ މައްޗަށް 23 އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައި ވާއިރު އޭނާ ވަނީ ދައުވާއަށް އިއުތިރާފު ވެފައެވެ.
މި ހަމަލާ އާ ގުޅިގެން 10 މީހަކު ހައްޔަރުކޮށް، 6 މީހެއްގެ މައްޗަށް ވަނީ ދައުވާ ކޮށްފައެވެ. މިގޮތުން ދައުލަތުން ދައުވާ ކުރީ ބޮން ގޮއްވުމުގައި އަމަލީ ގޮތުން ބައިވެރިވި ކަމަށް އިއުތިރާފު ވި ވ. ތިނަދޫ ހިޔާ، އަދުހަމް ރަޝީދާއި އެކަމުގައި އެކި ގޮޮތްގޮތުން ބައިވެރި ވި ކަމަށް ތުހުމަތު ކުރެވޭ މއ. ފޭރުގޭ މުޖާޒް އަހުމަދާއި ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހުމަދާއި ނ. މަނަދޫ ނޫރީގޭ އަލީ ހައިޝަމާއި ގއ. ވިލިނގިލީ ހުދުރުވާގޭ ފަހުމީ އަލީ އާއި މ. ކުދެހިގޭ އިސްހާގުގެ އިތުރުން އއ. މާޅޮސް، އަސަރީގޭ މުހައްމަދު ނާޒިމްގެ މައްޗަށެވެ.