ސައުދީ އަރަބިއްޔާއިން ޗައިނާއަށް ވިއްކާ ތެލަށް ވާ ފައިސާ، އެމެރިކާ ޑޮލަރުގެ ބަދަލުގައި ޔުއާން ނުވަތަ ޗައިނާ ފައިސާއިން ބަލައިގަތުމާ ބެހޭ ގޮތުން ދޭދޭ މަޝްވަރާތައް ކުރިއަށް ގެންދާ ކަމަށް، ކަމާ ބެހޭ މައުލޫމާތު އެނގޭ މަސްދަރުތަކާ ހަވާލާދީ ވޯލް ސްޓްރީޓް ޖާނަލްއިން ރިޕޯޓް ކޮށްފިއެވެ.

މިފަދަ ނިންމުމެއްގެ ސަބަބުން، ދުނިޔޭގެ ތެލުގެ ބާޒާރު ޑޮމިނޭޓް ކުރަމުން އަންނަ އެމެރިކާ ޑޮލަރުގެ އަގު އިންތިހާއާށް ވައްޓާލާނެ ނިންމުމެއް ކަމަށް މައުލޫމާތު ލިބެއެވެ. އަދި މި ފިޔަވަޅަކީ، ދުނިޔޭގެ ބާޒާރަށް އެންމެ ފުޅާ ދާއިރާއެއްގައި ސާފު ނުކުރާ ތެޔޮ ބޭރު ކުރަމުން އަންނަ ގައުމުން، އެޝިއާއާ ދިމާއަށް މިސްރާބު އަނބުރާލަނިވި ފިޔަވަޅެއްގެގޮތުގައިވެސް ސިފަ ކުރެވެއެއެވެ.

ސައުދީ އަރަބިއްޔާގެ ތެޔޮ ކުންފުނި (އަރަމްކޯ) ގެ މުވައްޒަފުންތަކެއް މަޝްވަރާއެއްގައި / ފައިލް ފޮޓޯ: ވޯލްޑް އޮއިލް

ސައުދީއާއި ޗައިނާއާ ދެމެދު ކުރާ ތެލުގެ ވިޔަފާރީގައި ފައިސާގެ ގޮތުގައި ޔުއާން ބޭނުން ކުރުމާ ބެހޭ ގޮތުން މަޝްވަރާތައް ކުރިއަށް ގެންގޮސް މެދުކެނޑި އަނެއްކާވެސް ކުރިއަށް ގެންގޮސް، މިފަދަ ގޮތަކަށް ދާ ތާ ހައެއްކަ އަހަރު ވަނީ ވެފައެވެ. ނަމަވެސް، މި އަހަރަކީ އެ މަޝްވަރާތައް މެކުހަށް ޖަހާފައި ވާ އަހަރެއް ކަމާށް މައުލޫމާތު ލިބެއެވެ.

މި ދަނޑިވަޅަކީ ސަލާމަތާ ގުޅުން ހުރި ކަމުގައި އެމެރިކާއިން ސައުދީއަށް ދެމުންދާ އެއްބާރުލުމަށް އިހުތިރާމް ކުރުމުގައި އެމެރިކާގެ އަމަލުތައް ހުރި ގޮތުން، ސައުދީގައި ހިތްހަމަ ނުޖެހުންތަކެއް ހުރި ދަނޑިވަޅެއްވެސްމެއެވެ.

ސައުދީ އަރަބިއްޔާގެ ތެޔޮ ކުންފުނި (އަރަމްކޯ) ގެ މުވައްޒަފުންތަކެއް / ފައިލް ފޮޓޯ: މިޑްލް އީސްޓް އޮންލައިން

އެމެރިކާގެ އަމަލުތަކާ މެދު ސައުދީއިން ހިތްހަމަ ނުޖެހިގެން އުޅެނީ، ޔަމަނު ހަނގުރާމާގައި ސައުދީއިން އަދާ ކުރަމުން ދާ ދައުރަށް، އެމެރިކާއިން އެކަށީގެންވާ އެއްބާރުލުން ނުދޭތީއެވެ. އަދި އީރާންގެ ނިއުކްލިއާ މަޝްރޫއުގެ މައްސަލާގައި އެ ގައުމާއެކު އެއްބަސްވުމެއް އެކުލަވާލުމަށް، އެމެރިކާގެ ރައީސް ޖޯ ބައިޑަންގެ ސަރުކާރުން މަސައްކަތްތަކެއް ކުރަމުން ދާތީއެވެ. ސައުދީއިން ވަނީ، އެމެރިކާއިން އަފްގާނިސްތާނުން ފޭބި ފޭބުމާ މެދު ހައިރާން ވާކަމަށްވެސް ބުނެފައެވެ.

ސައުދީ އަރަބިއްޔާއިން އެކްސްޕޯޓް ކުރާ ތެލުގެ 25 ޕަސެންޓް ގަންނަނީ ޗައިނާއިންނެވެ. ޔުއާންގެ އަގުން ބަލާނަމަ، މިއީ ޗައިނާގެ ފައިސާއަށް ލިބޭ ބޮޑު ކުރިއެރުމަކަށް ވާނެއެވެ.

ދުނިޔޭގެ ތެލުގެ ބާޒާރުގައި ކުރާ މުއާމަލާތްތަކުގެ ގާތްގަނޑަކަށް 80 ޕަސެންޓް މުއާމަލާތް ހިނގަނީ އެމެރިކާ ޑޮލަރުންނެވެ. 1974 ވަނަ އަހަރުން ފަށައިގެން ތެލުގެ ވިޔަފާރީގައި ސައުދީއިން މުޅިންވެސް ބޭނުން ކުރަމުން ދަނީ އެމެރިކާ ޑޮލަރެވެ.

ސައުދީ އަރަބިއްޔާގެ ތެޔޮ ކުންފުނި (އަރަމްކޯ) ގެ މުވައްޒަފުންތަކެއް / ފައިލް ފޮޓޯ: އަރަމްކޯ

ތެލުގެ ވިޔަފާރީގައި ޔުއާން ބޭނުން ކުރުމަށް ޗައިނާއިން ކޮންޓްރެކްޓްތައް ހަދަން ފެށީ 2018 ވަނަ އަހަރުއެވެ. ނަމަވެސް ތެލުގެ ބާޒާރުގައި ޑޮލަރުގެ ކޮންޓްރޯލަށް މާ ބޮޑު ލޮޅުމެއް ގެނެވޭ ގޮތް އޮތީ ނުވެފައެވެ. ވިޔަފާރީގެ މުއާމަލާތުގައި ޑޮލަރު ބޭނުން ކުރުމަކީ ޗައިނާގެ ނަޒަރުން ބަލާއިރު ނުރައްކަލެކެވެ. އުސްއަލިތަކެއް ކަމުގައި، އީރާނާ ދެކޮޅަށް ތަންފީޒު ކުރަމުންދާ ދަތިކުރުމުގެ ފިޔަވަޅުތަކާއި، ޔޫކްރައިން ހަނގުރާމައާ ގުޅިގެން ރަޝިއާއާ ދެކޮޅަށް ތަންފީޒު ކުރަމުން ދާ ދަތިކުރުމުގެ ފިޔަވަޅުތައް ފާހަގަކުރަންޖެހެއެވެ.

ސައުދީގެ ތެލުގެ ވިޔަފާރި ރަމްޒުކޮށްދިނުމަށް ބޭނުން ކޮށްފައި ވާ ތަސްވީރެއް / ފައިލް ފޮޓޯ: އަރަމްކޯ

ފާއިތުވީ 30 އަހަރެއްހާ ދުވަހަށް ބަލާއިރު ޗައިނާއަށް ތެޔޮ އިމްޕޯޓް ކުރި މިންވަރު ވަނީ އިންތިހާ އިތުރު ވެފައެވެ. ނިމިދިޔަ 2021 ވަނަ އަހަރު ޗައިނާއަށް އެންމެ ގިނަ އަދަދަކަށް ތެޔޮ އިމްޕޯޓް ކުރީ ސައުދީއިންނެވެ. ޗައިނާއަށް ސައުދީއިން ދުވާލެއްގެ 1.76 މިލިއަން ފީފާގެ ތެޔޮ އިމްޕޯޓް ކޮށްފައިވެއެވެ.

މި ފަހުގެ ތާރީހަށް ބަލާއިރު ސައުދީއާއި ޗައިނާގެ ގުޅުންތައް އިންތިހާ ބަދަހި ވަމުން އަންނަ ކަމަށް ފެނެއެވެ. އެގޮތުން ޗައިނާއިން ވަނީ، ސައުދީގެ އަމިއްލަ ބެލިސްޓިކް މިސައިލް އުފެއްދުމަށް އެހީތެރިކަން ފޯރުކޮށްދީފައެވެ. އަދި ސައުދީގެ ނުފޫޒުގަދަ ވަލީއަހުދު މުޙައްމަދު ބިން ސަލްމާންގެ އެންމެ ގަޔާވާ މަޝްރޫއުތަކުގައިވެސް ޗައިނާއިން ވަނީ އިންވެސްޓް ކުރަން ފަށާފައެވެ.