ރަޝިއާގެ އަސްކަރިއްޔާއިންއަށް ޔޫކްރައިންއަށް އަރާ، ކުރަމުން ދާ ވަރުގަދަ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ އިގުތިސޯދީ އަދި ސިޔާސީ ހަމަތަކަށް ބަދަލު އައުން އެކަށީގެން ވާ ކަމަށް، ބައިނަލްއަގުވާމީ މާލީ އިދާރާ (އައިއެމްއެފް) އިން ބުނެފިއެވެ.

އައިއެމްއެފްއިން ބުނީ ޔޫކްރައިންގެ ހަނގުރާމައިގެ ސަބަބުން އިގުތިސޯދީ ކުރިއެރުމުގެ ދުވެލި މަޑުޖެހި، ބާޒާރުގައި ތަކެތީގެ އަގުތައް އުފުލި އެކަމުގެ އަސަރު މުޅި ދުނިޔޭގެ އިގުތިސޯދަށް ފޯރާނެ ކަމަށެވެ. އަދި ދުނިޔޭގެ އިގުތިސޯދީ ކަންކަން ހިނގަމުންދާ ހަމައަށް، ދިގުމުއްދަތުގައި ބަދަލު އައުން އެކަށީގެން ވާ ކަމަށް ވެސް އައިއެމްއެފްއިން ބުނެއެވެ.

ހަނގުރާމައިގެ ސަބަބުން މަރުވެދާ މީހުންގެ އިތުރުން، ރެކޯޑް އަދަދަކަށް ރެފިއުޖީން އިތުރު ވަމުން ދާއިރު، އިގުތިސޯދީ ތަފާތު މައްސަލަތައް މިހާރުވެސް ދަނީ ކުރިމަތިވަމުންނެވެ. އެގޮތުން ކާބޯތަކެއްޗާއި ހަކަތައިގެ އަގު އުފުލުމާއެކު ބަޒާރުގައި އިންފްލޭޝަން މައްޗަށް ގޮސް، މުދާ ގަތުމަށް އޮތް ފުރުސަތު ހަނިވެފައި ވާ ކަން ފާހަގަ ކުރަން ޖެހެއެވެ. މީގެ އިތުރުން ވިޔަފާރިއާއި، ސަޕްލައި ޗޭނުގެ އިތުރުން ޔޫކްރައިންގެ އަވަށްޓެރި ގައުމުތަކަށް ރެމިޓަންސްގެ ގޮތުގައި ފޮނުވާ ފައިސާގެ ޗޭނަށް ބުރޫ އަރާމުން ދާ ކަމަށް އައިއެމްއެފްއިން ބުނެއެވެ.

ހަމަ މިއާއެކު ވިޔާފަރިތަކަށް އޮތް ޔަގީންކަން ކުޑަވެ، އިންވެސްޓަރުންގެ އިތުބާރު ގެއްލި، އެސެޓްތަކުގެ އަގުތަކަށް ތަކުލީފު ބޮޑުވާކަން ފާހަގަ ކުރަންޖެހެއެވެ. އަދި މާލީ ހާލަތު އިންތިހާއަށް ނުތަނަވަސްވެ، ކުރިއަރަމުން އަންނަ ބާޒާރުތަކުން ބޭރަށް ރައުސުލްމާލު ދާ ގޮތް މެދުވެރި ވެދާނެ ކަމަށްވެސް އައިއެމްއެފްއިން ވަނީ ބުނެފައެވެ.