ތަށިމުށިތަކެއް ބަރުކޮށްގެން ރ. އިންނަމާދުއަށް ދަތުރުކުރަމުން ދިޔަ ދޯންޏެއް އަޑިއަށް ހިނގައްޖެއެވެ.

އެ ދޯނި އަޑިއަށް ގޮސްފައިވަނީ ރ. އުނގޫފާރުން އެ އަތޮޅު އިންނަމާދުއަށް ދަތުރުކުރަމުން ދަނިކޮށް، އެ އަތޮޅު ރަސްމާދޫ ކައިރިންނެވެ.

ފުލުހުން ބުނީ ރަސްމާދޫ ކައިރިން ދޯނި އަޑިއަށްދާ ކަމަށް ރިޕޯޓުކޮށްފައިވަނީ މިއަދު މެންދުރުފަހު 12:15 ހާއިރު ކަމަށެވެ.

އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާ ކަމަށް ފުލުހުން ބުންޏެވެ.

ރ. އުނގޫފާރު ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު "ދަ ޕްރެސް" އަށް ވިދާޅުވީ، އެ ދޯނީގައި ތިބީ ދެ މީހުން ކަމަށާއި، އެ ދެމީހުން ފަތާފައި ރަސްމާދުއަށް އަރާފައިވާ ކަމަށެވެ.

ފުލުހުން ބުނީ މި ހާދިސާ އާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.