ކްރިމިނަލް ކޯޓުން ހަމަޖެއްސި ތަރުޖަމާނު ތަރުޖަމާކޮށްދޭ ގޮތުން، މާވިން އަށް ދައުވާ ސާފުވުމުގައި ހުރަސްތަކެއް ކުރިމަތިވެފައި ވާތީ ތަރުޖަމާން ބަދަލުކޮށްދިނުމަށް ދައުލަތުން އެދިއްޖެއެވެ.
މިދިޔަ އޮކްޓޯބަރު މަހު އައިޖީއެމްއެޗްގައި ނަރުހެއްގެ ގޮތުގައި މަސައްކަތްކުރި ފިލިޕީންސްގެ މޭރީ ގްރޭސް މަރާލި މައްސަލާގައި ހައްޔަރުކޮށްފައިވާ އޭނާގެ ފިރިމީހާ މާވިން އެސްވައި ވާގަސްގެ މައްޗަށް ދައުވާކޮށް ޝަރީއަތް ހިނގަމުން ދާއިރު، އެ މައްސަލާގައި މިއަދު އޮތީ ދައުލަތުން ދައުވާ އިއްވައި އެ ދައުވާއަށް މާވިންގެ ފަރާތުން ޖަވާބުދާރީވުމެވެ.
މިއަދުގެ އަޑުއެހުމުގައި މާވިންގެ ފަރާތުން އެދުނީ ދައުލަތުން ފޯރުކޮށްދޭން ޖެހޭ ލިޔެކިއުންތައް ފޯރުކޮށްދީ ނިމުމުން ޖަވާބުދާރީވުމަށް ފުރުސަތު ދިނުމަށެވެ، ނަމަވެސް ދައުލަތުން ވަނީ އެކަމަށް އިއުތިރާޒުކޮށް، އެ މަރުހަލާގައި ހުރިހާ ލިޔެކިއުމެއް ނެތް ނަމަވެސް، ޖަވާބުދާރީވުމަށް ހުރަހެއް ނޯންނާނެ ކަމަށް ބުނެފައެވެ.
އެހެންކަމުން، ޝަރީއަތުންވެސް ނިންމާފައިވަނީ މާވިންގެ ފަރާތުން ދައުވާއަށް ޖަވާބުދާރީ ވުމަށެވެ.
ހަމަ އެއާއެކު، ދައުވާ އިއްވަމުން ދައުލަތުން ބުނީ، ކުށުގެ އަސާސީ އަދަބަކީ 10 އަހަރުދުވަހުގެ ޖަލު ހުކުމެއް ކަމަށެވެ. ނަމަވެސް އިސްލާމީ ޝަރީއަތުގައިވާ ގޮތުގެ މަތިން މަރުގެ ހުކުމް ތަންފީޒުކުރަން އޮންނައިރު، މޭރީގެ އާއިލާއިން ބޭނުން ނަމަ އެ ފުރުސަތު އެބައޮތް ކަމަށްވެސް ދައުލަތުން ބުންޏެވެ. ދައުލަތުން އެގޮތަށް ފާހަގަކޮށްފައިވަނީ މާވިނާއި މޭރީއަކީ ޣައިރު މުސްލިމުން ކަމަށް ވާތީއެވެ.
މިއަދުގެ އަޑުއެހުމުގައި ދައުވާ އިއްވި ނަމަވެސް، ކޯޓުން ހަމަޖެއްސި ތަރުޖަމާނު ތަރުޖަމާ ކޮށްދޭ ގޮތުން، މާވިނަށް ދައުވާ ސާފުނުވާ ކަމަށް ދިފާއަށާއި ދައުލަތަށް ފާހަގަވެފައިވާތީ އެކަން ޝަރީއަތުގެ ސަމާލުކަމަށް ވަނީ ގެނެސްފައެވެ. މާވިންގެ މައްޗަށް އިއްވާފައިވާ ދައުވާ ސާފުނުވާތީ ދައުވާއަށް ޖަވާބުދާރީއެއް ނުވެވުނެވެ.
މާވިންގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ، އެނގި ހުރެ މީހަކު މެރުމުގެ ދައުވާއެވެ. އޭނާގެ މައްޗަށް ދައުލަތުން އެ ދައުވާ އުފުލާފައި ވަނީ، މިދިޔަ އޮކްޓޯބަރު މަހުގެ 19 ގައި 12:00 އާއި 12:49 އާ ދެމެދުގެ ވަގުތެއްގައި، އޭނާ ދިރިއުޅޭ މއ. އުދުހޭ ކޮކާގޭގެ ފުރަތަމަ ފަންގިފިލާގެ ތެރޭގައި މޭރީގެ ބޮލަށާއި ކަރަށް ހަމަލަދީ ނޭވާ ހާސްކޮށްގެން މަރާލާފައި ވާތީއެވެ.
ފިލިޕީންސަށް ނިސްބަތްވާ، އައިޖީއެމްއެޗްގެ ޑައަލިސިސް ޔުނިޓުގައި މަސައްކަތް ކުރާ މޭރީ ގްރޭސް މަރުވީ ދަންޖެހިގެން ކަމަށް ބުނެ ސޯޝަލް މީޑިއާގައި މިދިޔަ އޮކްޓޯބަރު މަހު ވަނީ ހަބަރު ފަތުރާފައެވެ. ނަމަވެސް އޭނާ މަރުވީ ބޮލަށް ލިބުނު ބޮޑެތި ޒަހަމްތަކާ ގުޅިގެން ކަމަށް ފުލުހުން މީގެ ކުރިން ވަނީ ބުނެފައެވެ.
މޭރީ މަރާލުމުގައި މާވީންއާއެކު އޭނާގެ ދިވެހި ލޯބިވެރިޔާ ހަލީމަތު ލަމްހާގެ މައްޗަށް ވެސް ދައުވާ އުފުލާ ޝަރީއަތް ދަނީ ހިނގަމުންނެވެ. ލަމްހާ މައްޗަށް ތިން ދައުވާއެއް އުފުލަފައި ވެއެވެ. އެއީ އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވިކަމުގެ ދައުވާއާއި އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދައުވާއާއި ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ކުށުގެ ދައުވާއެވެ.