ރޯދައިގެ ކުރިން ބޫސްޓާ ޑޯޒު ޖަހަން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސް ކޮށްފިއެވެ.

އެޗްޕީއޭ އިން ބުނީ ރޯދަ މަހުގެ ކުރިން ޝަރުތު ހަމަވާ އެންމެން ވެކްސިންގެ ބޫސްޓާ ޑޯޒް ޖެހުމަށް އިލްތިމާސް ކުރާ ކަމަށެވެ. މީގެ އިތުރުން އުމްރާގެ އަޅުކަމަށްދާ ހުރިހާ ފަރާތްތަކުން ފުރުމުގެ 2 ހަފްތާ ކުރިން ބޫސްޓާ ޑޯޒް ޖެހުން މުހިއްމު ކަމަށެވެ. އަދި ރަމަޟާން މަހު ފުރާ ފަރާތްތަކުންވެސް މިކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެޗްޕީއޭއިން ވަނީ އެދިފައެވެ.

ރޯދަމަހު ވެކްސިން ޖަހާ ސެންޓަރުތަކާއި ގަޑިތައް:

  • ދަރުމަވަންތަ ހޮސްޕިޓަލް - ރޭގަނޑު 9 އިން 11 އަށް
  • ހުޅުމާލެ ހޮސްޕިޓަލް - ރޭގަނޑު 9 އިން 11 އަށް

އެޗްޕީއޭއިން އާންމުކޮށްފައިވާ ހިސާބުތައް ދައްކާ ގޮތުން މިހާތަނަށް 143،477 މީހަކު ވަނީ ބޫސްޓާ ޑޯޒް ޖަހާފައެވެ.

ކޮވިޑް ފެތުރެން ފެށުމުން މާޗު 12، 2020 ވަނަ ދުވަހު އިއުލާނުކުރި ކުއްލި ނުރައްކަލުގެ ހާލަތު މި މަހުގެ 13 ވަނަ ދުވަހު ވަނީ އުވާލާފައެވެ. އަދި އެއަށްފަހު ވަނީ ލުއިތަކެއްވެސް ދީފައެވެ.

އެގޮތުން މިހާރު ރާއްޖެ އަންނަ ފަތުރުވެރިންނާއި ދިވެހިން ޕީސީއާރް ޓެސްޓު ހަދަން ނުޖެހޭނެ ގޮތަށް ވަނީ އުސޫލަށް ބަދަލުގެނެސްފައެވެ. މީގެ އިތުރުން ރާއްޖެއިން ބޭރުން އަންނަ ފަރާތްތަކާއި ރާއްޖޭގެ އެއް ރަށުން އަނެއް ރަށަށް ދަތުރުކުރާ ފަރާތްތަކުގެ ތެރެއިން ކޮވިޑް 19 ގެ ވެކްސިން ޑޯޒްތައް ފުރިހަމަ ކޮށްފައި ނުވާ ފަރާތްތައް (ވެކްސިން ނުޖެހޭ އުމުރުގެ ކުޑަކުދިން ހިމެނޭ ގޮތަށް) ދަތުރުކުރާ އިރު މިހާރު ކަރަންޓީނު ވާން ނުޖެހޭނެ ކަމަށް ނިންމާ ބަލި ފެތުރޭ ރޭޓް 20 ޕަސެންޓަށް ނާރާ ރަށްރަށުގައި މާސްކް އެޅުން މަޖުބޫރު ނުވާ ގޮތަށްވެސް ވަނީ ނިންމާފައެވެ.