އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީގެ ބާރްތިޔާ ޖަނާތާ ޕާޓީ (ބީޖޭޕީ)ގެ ކޮންޓްރޯލް އޮންނަ ކަރުނާޓަކާ ސްޓޭޓްގެ ކުލާސްތަކަށް ހިޖާބު އަޅައިގެން ދިޔުން މަނާ ކުރި ކުރުމަށް، ކަރުނާޓަކާގެ ހައިކޯޓުން ތާއީދު ކޮށްފިއެވެ.

ކަރުނާޓަކާ ހައިކޯޓުން އިއްވި ހުކުމުގައި ބުނެފައި ވަނީ، "މުސްލިމު އަންހެނުން ހިޖާބު އެޅުމަކީ ދީނުގައި މަޖުބޫރު ކަމެއް ނޫން ކަމަށް ދެކޭ ނަޒަރިއްޔާއަށް ރިއާޔަތް ކޮށްފައި" ވާނެ ކަމަށެވެ.

ކުލާސްތަކަށް ހިޖާބު އަޅައިގެން ހާޒިރު ނުވެވޭ ގޮތަށް ކަރުނާޓަކާ ސްޓޭޓްގެ ސަރުކާރުން ހިންގާ އިލްމީ މުއައްސަސާތަކުން ނިންމި ނިމުމާ ދެކޮޅަށް ހުށަހެޅި ޕެޓިޝަންތައް ބާތިލު ކުރަމުން ކަރުނާޓަކާ ހައި ކޯޓުގެ އުއްތަމަ ފަނޑިޔާރު ރީޓޫ ރާޖު އަސްވަތީ ވަނީ، ޔުނީފޯމްގެ އުސޫލުތައް ބަޔާން ކޮށްދިނުމުގެ ބާރު، ސަރުކާރަށް ލިބިގެން ވާ ކަމަށް ކަނޑައަޅާފައެވެ.

ހިޖާބު އަޅައިގެން ކުލާހަށް ހާޒިރުވުމުގެ ފުރުސަތު ބަންދު ކުރުމުން، އެކަމާ ދެކޮޅަށް ދަރިވަރުން ނިކުތީ، ހިޖާބު އެޅުމަކީ އިންޑިއާގެ ގާނޫނު އަސާސީއިން ކަށަވަރުކޮށްދޭ ހައްގެއް ކަމަށާ، ހިޖާބު އެޅުމަކީ ދީނުގެ އަސާސެއް ކަމުގައި ބުނަމުންނެވެ.

އަންހެން ދަރިވަރުންގެ ފަރާތުން އިންޑިއާގެ ސުޕްރީމް ކޯޓުގައި މި މައްސަލާގައި ވަކާލާތު ކުރައްވާނެ ގާނޫނީ ވަކީލު އަނަސް ތަންވީރު ވިދާޅުވީ، ކަރުނާޓަކާ ކޯޓުގެ ނިންމުމާ މެދު ހިތާމަ ކުރައްވާ ކަމަށާ، އެ ހުކުމަކީ ގޯސް ހުކުމެއް ކަމަށެވެ.

ސަރުކާރުން ކަނޑައަޅާފައި ވާ އުސޫލާ ހިލާފަށް، ހިޖާބު މަނާ ކުރުމުގެ ކުރިން 1 އަހަރު ދުވަހުގެ ނޯޓިސް ދީފައި ނުވާކ އިރު، އެފަދަ އަމުރެއް ނެރެވިދާނެ ތޯ، ވަކީލު ތަންވީރު ވަނީ ސުވާލު އުފައްދަވާފައެވެ.

ކަރުނާޓަކާ ސްޓޭޓްގެ ހައިކޯޓުގެ މި ނިންމުމަކީ، 200 މިލިއަނެއްހާ މުސްލިމުން ދިރިއުޅެމުން އަންނަ އިންޑިއާގެ އެހެން ސަރަހައްދުތަކުންވެސް ނަކަލު ކޮށްފާނެ ނިންމުމެއް ކަމުގެ ބިރު ވަނީ ބޮޑުވެފައެވެ. 2014 ވަނަ އަހަރު އިންޑިއާގެ ވެރިކަމަށް ބީޖޭޕީ އިންތިހާބު ކުރި ފަހުން، މިސްލިމުންނާ ދެކޮޅަށް ހިންގާ މިފަދަ ޖަރީމާތައް ވަނީ އިތުރު ވެފައެވެ.