މުސްތަގުމަބުލުގައި ޗައިލްޑް ޑިވަލޮޕްމަންޓް ސެންޓަރެއް ރާއްޖޭގެ އުތުރާއި ދެކުނުގައިވެސް ގާއިމްކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމު ވިދާޅުވެއްޖެއެވެ.

ނައިބު މިހެން ވިދާޅުވީ ހުޅުމާލެ ހޮސްޕިޓަލްގައި ގާއިމުކުރި ޗައިލްޑް ޑިވެލޮޕްމަންޓް ސެންޓަރު، ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

ޗައިލްޑް ޑިވެލޮޕްމަންޓް ސެންޓަރަކީ ނުކުޅެދުންތެރިކަން ތަހައްމަލުކުރަމުންދާ ކުދިންނާ އެކުދިންގެ އާއިލާތަކަށް ބޭނުންވާ ހިދުމަތްތައް އެއްފުރާޅެއްގެ ދަށުން ފޯރުކޮށްދިނުމުގެ ގޮތުން ގާއިމުކޮށްފައިވާ ސެންޓަރެކެވެ. މި ސެންޓަރު ރަސްމީކޮށް ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުއެވެ.

މި ރަސްމިއްޔާތުގައި ނައިބު ފައިސަލް ދެއްކެވި ވާހަކަގައި މި ސެންޓަރުން ލިބޭ ހިފުމަތްތަކަކީ މީގެ ކުރިން، ރާއްޖޭގައި ހޯދަން އުނދަގޫ ހިދުމަތްތަކެއްކަން ފާހަގަކުރައްވާ މި ސެންޓަރުގެ ހިދުމަތް ރަސްމީގޮތުން ފެށުމާއެކު މި ދާއިރާއިން ހިދުމަތް ހޯދާ ފަރާތްތަކަށް ވަރަށްބޮޑު ލުއިފަސޭތަކެއް ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން ސެންޓަރުގެ ހިދުމަތް ފުޅާކޮށް، މުސްތަގްބަލުގައި ރާއްޖޭގެ އުތުރާއި ދެކުނުގައި މިފަދަ ސެންޓަރުތަކެއް ގާއިމުކުރެވިގެންދާނެ ކަމަށް ފައިސަލް ވިދާޅުވިއެވެ. އަދި ސިއްހީ ދާއިރާއިން މީހުން ތަމްރީނުކުރުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކަށް ފައިސަލްގެ ވާހަކަގައި އަލިއަޅުވާލެއްވިއެވެ.

މި ސެންޓަރުގައި ހިދުމަތް ފޯރުކޮށްދެނީ އުމުރުން 18 އަހަރުން ދަށުގެ ކުދިންނަށް ކަމަށް ރައީސް އޮފީހުން ބުނެއެވެ. އެގޮތުން ޖިސްމާނީ، ވިސްނުމުގައި އުނިކަމާއި އުނގެނުމުގެ ދަތިކަން ހުންނަ ކުދިން، ސިކުނޑިއާ ނާރުތަކުގެ ބަލިތައް ތަހައްމަލު ކުރަމުންދާ ކުދިންނާއި ވާހަކަދައްކަން ދަތިކަން ހުންނަ ކުދިންނަށް މި ސެންޓަރުގައި ފަރުވާ ފޯރުކޮށްދޭނެ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

ހުޅުމާލެ ހޮސްޕިޓަލްގައި ގާއިމުކުރި ޗައިލްޑް ޑިވެލޮޕްމަންޓް ސެންޓަރު، ރައިސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައްލަވާލައްވަނީ / ފޮޓޯ: ރައީސް އޮފީސް

ރައީސް އޮފީހުން ބުނީ މި ސެންޓަރުގެ ހިދުމަތް ރަސްމީގޮތުން ފެށުމުގެ ކުރިން ބައެއް ހިދުމަތްތައް ވަގުތީގޮތުން ފޯރުކޮށްދެމުންދާ ކަމަށެވެ. އެގޮތުން މި ސެންޓަރުގައި 67 ކުއްޖަކު މިހާރު ރެޖިސްޓްރީވެ ހިދުމަތް ހޯދަމުންދާ ކަމަށް ރައީސް އޮފީހުން ބުނެއެވެ.

ރައީސް އޮފީހުން ބުނީ މި ސެންޓަރުގެ މަގްސަދަކީ ސެންޓަރުގެ ހިދުމަތް ހޯދާ ކުދިން، ދިރިއުޅޭ މާހައުލުގައި އަދި މުޖުތަމައުގައި އެންމެ ފުރިހަމައަށް އަމިއްލައަށް އުޅެވޭނެ ގޮތްތަކަށް މަގުފަހިކޮށްދީ މަސައްކަތްކޮށްދިނުން ކަމަށެވެ. އެގޮތުން އެކުދިންނަށް ބޭނުންވާ ތެރެޕީއާ ރިހެބިލިޓޭޓިވް ފަރުވާފަދަ ހިދުމަތްތައް މި ސެންޓަރުން ފޯރުކޮށްދޭނެ ކަމަށް ރައީސް އޮފީހުން ބުނެއެވެ.

މި ސެންޓަރު ހުޅުވައިދެއްވުމަށްފަހު ރައިސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ ޗައިލްޑް ޑިވެލޮޕްމަންޓް ސެންޓަރު ބައްލަވާލައްވާފައެވެ.

ޗައިލްޑް ޑިވެލޮޕްމަންޓް ސެންޓަރު ރަސްމީގޮތުން ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހްމަދު ވަނީ އެ ސެންޓަރަށް ބޭނުންވާ ބައެއް ހާއްސަ ތަކެތި ހަދިޔާ ކުރައްވާފައި ކަމަށް ރައީސް އޮފީހުން ބުނެއެވެ.