ފަސް އަހަރު ދުވަހުގެ ހުކުމަކުން މިނިވަންވިތާ ތިން މަސްދުވަސް ވީ ފަހުން، ކުރީގެ ރައީސް އަބްދުﷲ ޔާމީން ރިޔާސަތު ބެލެހެއްޓެވި އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ޖޮއިންޓް ކައުންސިލް ބައްދަލުވުމެއް ރޭ ބާއްވައިފިއެވެ.

ޔާމީން ރިޔާސަތު ބެލެހެއްޓެވި މި ބައްދަލުވުން އޮތީ ޕީޕީއެމްގެ އޮފީސް، ހ. ހުރަފާގޭގައެވެ.

ރޭ މީޑިއާތަކަށް ފޮނުވި މެސެޖުގައި، އެ ކޯލިޝަންގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، އެ ބައްދަލުވުމަކީ ޔާމީން މިނިވަންވެ ވަޑައިގަތުމަށް ފަހު އެމަނިކުފާނު ރިޔާސަތު ބެލެހެއްޓެވި ފުރަތަމަ ޖޮއިންޓް ކައުންސިލް ބައްދަލުވުން ކަމަށެވެ. ރޭގެ ބައްދަލުވުމުގައި މަޝްވަރާކޮށްފައި ވަނީ ކޯލިޝަންގެ އެތެރޭގެ ކަންކަން ހަރުދަނާ ކުރުމުގެ ގޮތުންނެވެ. އެގޮތުން:

  • އިދާރީ ގޮތުން ޕާޓީގެ ހިންގުން ހަރުދަނާކުރުން
  • ގައުމު މިހާރު އޮތް ހާލަތާއި އެ ހާލަތުން އަރައިގަތުމަށްޓަކައި އިދިކޮޅުގެ ހައިސިއްޔަތުން ކުރެވެން ހުރި ކަންކަން
  • އިދާރީ ދާއިރާތަކުގެ ހިންގުން ހަރުދަނާކޮށް، ހަރަކާތްތައް ހަރުދަނާ ކުރުމާ ގުޅޭގޮތުން

މިދިޔަ ނޮވެމްބަރު މަހު ޔާމީން މިނިވަންވުމުން، އެމަނިކުފާނު ވަނީ އޭގެ ދެވަނައަށްވީ ދުވަހު ކޯލިޝަންގެ އިސްބޭފުޅުންނާ ބައްދަލު ކުރައްވާފައެވެ. މީގެ އިތުރުން، އެމަނިކުފާނު އިސްވެ ހުންނަވައި ކުރިއަށް ގެންދަވާ "އިންޑިއާ އައުޓް" ހަރަކާތް ފުޅާކުރުމަށްޓަކައި ރަށްރަށަށް ވަޑައިގެން ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ.