ރިސޯޓެއްގެ ގޮތުގައި ވ. އާރަށް ތަރައްގީ ކުރުމަށްޓަކައި ކުންފުންޏަކަށް ވިއްކާލައިގެން ލިބުނު ފައިސާ އަމިއްލަ އެކައުންޓަށް ޖަމާ ކުރެއްވި މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކުރާ ދައުވާގެ ދިފާއުގައި ހެކި ހުށަހަޅަން ޔާމީނަށް ފަސް ދުވަހުގެ ފުރުސަތެއް ކްރިމިނަލް ކޯޓުން މިއަދު ދީފިއެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުން ހެކި ހާމަކުރިއެވެ. އެއީ ކޮން ހެކިތަކެއް ކަން އަޑުއެހުމުގައި ކިޔައި ދިނުމުގެ ބަދަލުގައި ދައުލަތުން ބުނީ ދައުވާއާ އެކު ހުށަހެޅި ލިޔުންތަކުގައި ހިމަނާފައިވާ ހެކިތަކަކީ އެ މައްސަލާގައި ހުށަހަޅަން ބޭނުންވާ ހެކިތައް ކަމަށެވެ.
ދިފާއުގައި ހެކި ހާމަކުރަން ޔާމީނާއި ޔޫސުފް ނައީމަށް ފުރުސަތު ދިނުމުން އެ ބޭފުޅުން އެދިވަޑައިގަތީ އިތުރު ފުރުސަތަކަށެވެ. އެ މައްސަލަ ބައްލަވާ އިސްގާޒީ އަހުމަދު ޝަކީލް ދެއްވީ ފަސް ދުވަހުގެ މުއްދަތެކެވެ. ދެން އޮންނާނީ ދިފާއުން ހެކި ހާމަކުރުމާއި އެ މައްސަލަ ކުރިއަށް ގެންދިއުމާ މެދު މަދަނީ މިންގަނޑުން ގޮތެއް ނިންމުމެވެ. އެ އަޑުއެހުން މިމަހުގެ 31 ވަނަ ދުވަހު ބާއްވަން ވަނީ ނިންމާފައެވެ.
އެ މައްސަލާގެ އަޑުއެހުންތައް ލައިވް ކުރަން ޔާމީންގެ ފަރާތްޕުޅުން ކޯޓުގައި އެދިފައިވާ އެދުން އެމަނިކުފާނުގެ ވަކީލުން މިއަދު ވެސް ތަކުރާރު ކުރެއްވިއެވެ. އިސްގާޒީ ޝަކީލް ވިދާޅުވީ އިބްތިދާއީ މަރުހަލާ ނިމި، ޝަރީއަތުގެ މަރުހަލާ ފެށޭއިރު ލައިވް ކުރެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. މިހާތަނަށް ޝަރީއަތް ލައިވް ނުކުރެވި އޮތީ ކޯޓުގައި އެކަމަށް ބޭނުންވާ މުވައްޒަފުން ނެތިގެން ކަމަށް ގާޒީ ވިދާޅުވިއެވެ.
ޔާމީންގެ އިތުރު މައްސަލައެއްވެސް ކްރިމިނަލް ކޯޓުގައި ކުރިއަށް އެބަދެއެވެ. އެއީ ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން އެމަނިކުފާނުގެ މައްޗަށް ކޮށްފައިވާ މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ އާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާއެވެ.