މާލެ ރައްޔިތުންނަށް ދޫކުރާ ގޯއްޗަށް، ދަފްތަރަށް އުފަން މީހުންނަށް ވެސް ކުރިމަތިލެވޭނެ ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެއެވެ.

އަސްލަމް މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. އަސްލަމް ވިދާޅުވީ، މާލެ ސަރަހައްދުން ދޫކުރާ ގޯއްޗަށް ކުރިމަތިލުމަށް މާ ބޮޑެތި ޝަރުތުތަކެއް ކަނޑައަޅާފައި ނުވާނެ ކަމަށާއި މައިގަނޑު 4 ޝަރުތެއް ކަނޑައަޅާފައި ވާ ކަމަށެވެ.

އެއީ މާލެ އަށް އުފަން މާލެ ރައްޔިތަކަށް ވުމާއި، އެ މީހެއްގެ ނަންމަތީގައި 600 އަކަފޫޓަށް ވުރެ ބޮޑު ބިމެއް އަދި ވާރުތަވާ އެ ވަރުގެ ބިމެއް ނެތުމާއި އެ ވަރުގެ ބިމެއް ލިބިއްޖެ ނަމަ ދައުލަތަށް ދޫކޮށްލުން ނުވަތަ ވާރުތަވާން އޮތް ތަނެއް ވެސް ދޫކޮށްލަން ޖެހުމެވެ. ހަމައެއާއެކު މާލޭގައި ދިރިއުޅޭނެ އެއްވެސް ތަނެއް ނެތް މާލޭގެ މީހުންނަށް ވެސް ގޯއްޗަށް ކުރިމަތިލެވޭނެ ކަމަށް އަސްލަމް ވިދާޅުވިއެވެ. މީގެ އިތުރުން އަސްލަމް ވިދާޅުވީ، ރަށްރަށުން މާލެއަށް ހިޖުރަ ކުރުމަށް ފަހު، ދަފްތަރުގައި ތިބި މީހުންގެ ތެރެއިން ބައެއް މީހުންނަށް ދަރިން ލިބިފައިވާ ކަމަށާއި އެގޮތަށް ދަފްތަރަށް އުފަން މީހުންނަށް ވެސް ކުރިމަތި ލެވޭނެ ގޮތަށް ކަނަޑައަލާފައި ވާނެ ކަމަށެވެ.

މާކްސް ދޭ އުސޫލުތަކެއް މިހާރު ކަނޑައަޅާފައި ވާނެ ކަން މިނިސްޓަރު ފާހަގަ ކުރައްވަމުން ވިދާޅުވީ، އެކި އުމުރުފުރައިގެ މީހުންނަށް ދޭ މާކްސްތައް ތަފާތުވާނެ ކަމަށާއި ނަމަވެސް މީހަކާ އިނދެގެން އުޅޭތީ އިތުރު މާކްސްއެއް ނުދޭނެ ކަމަށެވެ. ނަމަވެސް ދެމަފިރިން ގުޅިގެން އެއް ގޯއްޗަކަށް ކުރިމަތިލާ ނަމަ މާކްސް އިތުރުކުރަން ވިސްނާ ކަމަށް ވެސް އަސްލަމް ވިދާޅުވިއެވެ. އެއަށްފަހު ބަލަދު އަރާ ދަރިން ނުވަތަ ބަލަންޖެހޭ މީހުންގެ ތެރެއިން ދެ ކުދިން ނޫނީ އެ އަށް ވުރެ މަދުވެއްޖެ ނަމަ ލިބޭ ވަކި މާކްސްއެއް، އެ އަށް ވުރެ މަތިން ކިތަންމެ ބައިވަރު ވިޔަސް ލިބޭނީ ވަކި މާކްސްއެއް ކަމަށް އަސްލަމް ވިދާޅުވިއެވެ.

ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ވެސް ހާއްސަ ސަމާލުކަމެއް ދީ އިތުރު މާކްސް ދޭން ނިންމާފައިވާ ކަމަށް އަސްލަމް ވިދާޅުވިއެވެ. ނަމަވެސް ދިރިއުޅުމުގެ ހާލަަތަށް ބަލައި މާކްސް ދޭނެ ގޮތްތައް އަދި ނިންމާފައި ނުވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެ ކަންކަމާ ގުޅޭ ގޮތުން މާލެ ދާއިރާގެ މަޖިލިސް މެންބަރުންނާއި ރައީސް އޮފީހުގައި ތިއްބެވި ޕޮލިސީ ލެވެލްގެ ބޭފުޅުންނާ މަޝްވަރާ ކުރައްވާނެ ކަމަށް އަސްލަމް ވިދާޅުވިއެވެ.