ގުރުއާނާ ބެހޭ މަރުކަޒުގެ ގޮތްޕެއް ފުވައްމުލަކު ސިޓީގައި އަޅަން ބަޔަކާ ހަވާލުކޮށްފިއެވެ.

ފުވައްމުލަކުގެ ގުރުއާނާ ބެހޭ މަރުކަޒުގެ ގޮތްޕެއް އަޅަން އިސްލާމިކް މިނިސްޓްރީން ހަވާލުކޮށްފައިވަނީ އަމިއްލަ ކުންފުންޏެއް ކަމަށްވާ ރައިސާ ޕްރައިވެޓް ލިމިޓެޑަށެވެ.

އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި، އެ މަޝްރޫއާ ގުޅޭ އެއްބަސްވުމުގައި ރައިސާ ކުންފުނީގެ ފަރާތުން ސޮއިކުރައްވާފައިވަނީ އެ ކުންފުނީގެ އެޗްއާރު މެނޭޖަރު މުސްތަފާ މުހައްމަދުފުޅެވެ. އަދި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރައްވާފައިވަނީ މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އަލީއެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ފުވައްމުލަކުގައި ގުރުއާނާބެހޭ މަރުކަޒެއް އިމާރާތްކުރުމުގެ އެންމެ ބޮޑު ބޭނުމަކީ، މަރުކަޒުގެ ގޮފިތައް ހިންގުން އިތުރަށް ހަރުދަނާކޮށް، ކޯސްތަކުގައި ކިޔަވަމުންދާ ދަރިވަރުންނަށް ލުއިފަސޭހަ ކޮށްދިނުމަށް ކަމަށެވެ.

ސަރުކާރުން 12 މިލިއަން ރުފިޔާ ހަރަދުކޮށްގެން އަޅާ ދެ ފަންގިފިލާގެ މި އިމާރާތް އެއް އަހަރު ދުވަހުގެ ތެރޭ ނިންމަން ހަވާލުކޮށްފައިވެއެވެ. އިސްލާމިކް މިނިސްޓްރީން ބުނީ، މި އިމާރާތުގެ އެންމެ ތިރީގައި އޮޑިޓޯރިމަކާއި، ލައިބްރަރީއެއް އަދި މީޓިން ރޫމެއް ހަދަން ނިންމާފައިވާއިރު ފުރަތަމަ ފަންގިފިލާގައި ހަތަރު ކްލާސް ރޫމާއި ނަމާދު ކުރާނެ ތަނެއް ޢިމާރާތްކުރާނެއެވެ. ނަމާދުކުރާ ޖާގައިގައި އެއްފަހަރާ 30 މީހުންނަށް ނަމާދުކުރެވޭނެ ކަމަށްވެސް މިނިސްޓްރީން ބުނެއެވެ.