ތ. ދިޔަމިގިލީގެ މުދިމަކަށް ވަޅިން ހަމަލާދިން މައްސަލައިގައި ހައްޔަރު ކުރި މީހާ، ޝަރީއަތް ނިމެންދެން ބަންދު ކޮށްފިއެވެ.
ފުލުހުން ބުނީ، އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ އުމުރުން 35 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.
އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް މަޑިފުށި މެޖިސްޓްރޭޓް ކޯޓަށް ގެންދިއުމުން ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރު ކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ބުނީ އަނިޔާ ލިބިފައިވާ 55 އަހަރުގެ މުދިމަށް އައިޖީއެމްއެޗްގައި ފަރުވާދެމުން އަންނަ ކަމަށެވެ.
މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މުދިމަށް ވަޅިން ހަމަލާދޭ މަންޒަރު ފެންނަ ވީޑިއޯ ސޯޝަލް މީޑިއާގައި އާންމު ވެފައި ވާއިރު، އެވީޑިއޯއިން ފެންގޮތުގައި މުދިމު އިނީ ބައިސްކަލެއްގެ މަތީގައި ހަމަލާދިން މީހާއާ ވާހަކަ ދައްކާށެވެ. އެ ގޮތަށް ތިބެފައި ދެން ފެނުނީ، ކުއްލިއަކަށް މުދިމު ގަޔަށް ވަޅި ހަރާތަނެވެ. މުދިމުގެ ކަނދުރާމަތިން ބުރަކަށްޓަށް 5 ފަހަރު ވަޅި ޖެހުމަށް ފަހު ދާން އުޅެފައި އަނެއްކާ އަނބުރާލާފައި ގޮސް ކައިރިވެ މޭ މައްޗަށްވެސް ޖަހަން އުޅޭތަން ފެނެއެވެ. ދެން އަނެއްކާވެސް މުދިނުމުގެ ބުރަކަށި މައްޗަށް 5 ފަހަރަށް ވަޅި ޖަހައެވެ. އެއަށްފަހު އޭނާ މުދިމު ދޫކޮށް ދަމުން ކައިރީގައި ވެލި އަޅާފައި ހުރި ބޮޑު ގޯންޏަކަށް ވަޅި ހަރާ، ދަމައިގަތުމަށް ފަހު، ވަޅީގެ ތިލަ ގޯނީގައި ހުރި ވެލިތަކުގައި ދަމާލައެވެ. ގަބޫލު ކުރެވެނީ، ވަޅީގައި ހުރި ލޭ ފޮހެލީ ކަމަށެވެ.
އެއްވެސް ރަހުމެއް ނެތި ރޯމާ ދުވާލު ވަޅިޖަހާފައި ދާ މި މަންޒަރާއެކު، އެތައް ބަޔަކު ދަނީ އިދާރާތަކަށާއި ނިޒާމުތަކަށް ފާޑި ކިޔައި، މިފަދަ ކަންކަން ހިނގަނީ، ރާޢްޖޭގައި ކެޕިޓަލް ޕަނިޝްމަންޓް ނުވަތަ މަރަށް މަރު ނުހިފާތީ ކަމަށް ބުނެފައެވެ.
ރާއްޖެއަކީ މަރަން ހުކުމް ކުރި ނަމަވެސް މަރުގެ ހުކުމް ތަންފީޒު ކުރާ ގައުމެއް ނޫނެވެ. އޭގެ ބަދަލުގައި ގިނައިން ފެންނަނީ، މީހުން މެރުމާއި، ބޮޑެތި މާރާމާރީތަކުގައި ހައްޔަރު ކުރާ މީހުން ދުވަސްކޮޅަކަށް ފަހު ޝަރުއީ މަރުހަލާއިން މިނިވަންވެ ދޫވެގެން ދާތަނެވެ.