މިދިޔަ ހުކުރު ދުވަހުގެރޭ ދަންވަރު މާފުށީ ޖަލަށް އެއްޗެހި ވައްދަން އުޅެނިކޮށް މޫދަށް ވެއްޓި މަރުވެފައިވާ މީހާ އެ ރަށުގެ ހެލްތު ސެންޓަރަށް ގެންދިޔައިރުވެސް އޮތީ މަރުވެފައި ކަމަށް ފުލުހުން ބުނެފިއެވެ.

އެ ހާދިސާ ހިނގާފައިވަނީ ހުކުރު ދުވަހުގެރޭ ދަންވަރުގެ ވަގުތެއްގައި، މީހަކު ފަތާފައި އައިސް ޖަލާ ދިމާލުން ތޮށިގަނޑު މައްޗަށް އެރި މަންޒަރު ޖަލުގެ ސެކިއުރިޓީންނަށް ފެނުމުން އޭނާ އަމިއްލައަށް މޫދަށް ފުންމާލުމުންނެވެ. ކަރެކްޝަންސްގެ އޮފިސަރުންނަށް އެ މަންޒަރު ފެނުމުން، އޭނާ ހޯދަމުން ދަނިކޮށް މަރުވެފައި އޮއްވާ ވަނީ ފެނިފައެވެ.

އެ ހާދިސާ ހިނގިކަން ކަރެކްޝަންސްގެ މީޑިއާ އޮފިސަރަކު ވަނީ "ދަ ޕްރެސް" އަށް ކަށަވަރުކޮށްދެއްވާފައެވެ.

ފުލުހުން ބުނީ، 33 އަހަރުގެ އެ ފިރިހެން މީހާ ގެނބިފައިވާ ކަމަށް ރިޕޯޓްކޮށްފައިވަނީ ހާދިސާ ހިނގުމަށްފަހު، އެ ރޭ މެންދަމު 2:22 ހާއިރު ކަމަށެވެ. އަދި އެ ހާދިސާ ހިނގާފައިވަނީ، މާފުށި ޖަލަށް ފޯނުތަކެއް އެތެރެކުރަން އޭނާ މަސައްކަތް ކުރުމުގެ ތެރޭގައި ކަމަށް އެނގިފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

ފުލުހުން ދަނީ އަދިވެސް މި މައްސަލަ އިތުރަށް ތަހްގީގު ކުރަމުންނެވެ.